Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އައްޑޫ ކޯޓްތަކުން ވެސް މުސާރަ ނުލިބުމުގެ ޝަކުވާތައް!

މީދޫ މެޖިސްޓްރޭޓް ކޯޓް: މުސާރަ ނުލިބިގެން ކޯޓްތަކުން އަންނަނީ ޝަކުވާ ކުރަމުން. ފޮޓޯ/ އިބްރާހީމް ޒުހުރީ

އަައްޑޫގެ މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުލިބިގެން ޝަކުވާ ކުރަން ފަށައިފި އެވެ.

މުސާރަ ނުލިބި ލަސްވަމުންދާތީ މިއަދު ހެނދުނު ކޯޓްްތައް ހުޅުވުމާ އެކު އައްޑޫގެ ހުރިހާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުން ވަނީ މަސައްްކަތް ހުއްޓާލައިގެން ތިބެފަ އެވެ. އެހެން ނަމަވެސް މިއަދު މުސާރަ ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާތީ މުވައްޒަފުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫގެ ކޯޓްތަކުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސާރަ ޖަމާ ކުރުމަށް އާދީއްތަ ދުވަހު ފިނޭންސަށް ފޮނުވާފައިވާ ކަމަށް ޑިޕާޓްމަންޓުން ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުސާރައިގެ މައްސަލަ ދިމާވާން ފެށީ ފެބްރުއަރީ 8 ގައި ވެރިކަން ބަދަލުވި ފަހުން ކަމަށެވެ.

"ފާއިތުވި އެެއް އަހަރުގެ ތެރޭގައި މުސާރަ ނުލިބި ލަސްވާ މައްސަލަ ތަކުރާރުކޮށް މި ދަނީ ކުރިމަތިވަމުން. މީގެ ކުރިން އަޅުގަނޑުމެން ޝަކުވާއެއް ވެސް ނުކުރަން މުސާރަ ލިބެންދެން އެ ވާހަކަ ނުދައްކައި ތިބެނީ. އެކަަމަކު ތަކުރާރުކޮށް މިކަން ދިމާވަމުންތާތީ އަޅުގަނޑުމެންނަށް ވެސް ވަަރަށް ބޮޑަށް އެބަ ދަތިވޭ. އެހެންވެ މި ވާހަކަ މިހާރު ދައްކަން ޖެހުނީ،" އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން ބުނީ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުން މަސް ނިމޭ ދުވަހު ނުވަތަ ފެށޭ މަހުގެ ފުރަތަމަ ދުވަހު މުސާރަ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު މިހާރު އެކަން އެ އުސޫލުން ނުހިނގާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް މުވައްޒަފުން ބުންޏެވެ.

"ޑިޕާޓްމަންޓުން ބުނާނެ ފިނޭންސަށް ފޮނުވައިފީމޭ، ފިނޭންސުން ބުނާނެ ތަފުސީލްތައް ޑިޕާޓްމަންޓުން ފޮނުވުން ލަސްވަނީއޭ. ދެން މިކަހަލަ ކޯޅުންތަކަކާ ހެދި އެއްބަސްވުމަކާ އެއްގޮތަށް އަޅުގަނޑުމެންނަކަށް މުސާރައެއް ބަރާބަރަކަށް ލިބޭ ގޮތެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.