Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ފާރިސް މަޖިލީހަށް ހާޒިރު ކުރާނީ ކަރެކްޝަނުން: ޕީޖީ

ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް ކަރެކްޝަންސްގެ އޮފިސަރުންނާއި އެކު ކޯޓަށް ހާޒިރު ކުރަނީ،

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑު އެހުން އޭނާ މަޖިލީހަށް ހާޒިރުކުރުމަށް މެދުކެނޑުމުން، މަޖިލީހަށް ހާޒިރުނުކޮށް އެނބުރި ޖަލަށް ގެންގޮސްފައިވަނީ ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށް (ޕްރޮސެކިއުޓަ ޖެނެރަލް) ޕީޖީ އޮފީހުން ބުނެފި އެވެ.

ފާރިސްގެ ވަކީލު، މައުމޫން ހަމީދު ވަނީ ފާރިސް މަޖިލީހަށް ހާޒިރުނުކޮށް އަނބުރާ ޖަލަށް ގެންދިއުމުން ކަރެކްޝަނަލް ސާވިސް އަދި ޕީޖީ އަށް ފާޑުވިދާޅުވެފައެވެ. މައުމޫން ހަމީދު ވަނީ މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސަށް ފާރިސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރުމުގެ ހައްގު ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ސިޓީ އެއްވެސް ލިޔުއްވާފައެވެ.

މިއަދު ފާރިސް މަޖިލީހަށް ހާޒިރުނުކޮށް ޖަލަށް ގެންދިއުމުން މައުމޫން ވަނީ ޕީޖީ އަދި ކަރެކްޝަންސްގެ އަމަލަކީ ކޯޓުގެ ހުކުމަށް ގޮންޖެހުން ކަމަށް ސިފަކޮށްފައެވެ. އަދި މަޝްއޫލުވާ އިދާރާތަކަށް ފިޔަވަޅު އަޅައިދިނުމަށްވެސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.

މައުމޫންގެ އެދިވަޑައިގަތުމުން ގާޒީ އިބްރާހިމް އަލީ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ޖަވާބުދާރީ ވުމަށް އަންގާފައެވެ. ޖަވާބުގައި ޕީޖީ އިން ބުނެފައިވަނީ ފާރިސް މަޖިލީހަށް ގެންދިއުމަށް ޕީޖީއިން ހުރަސް އަޅާފައިނުވާނެ ކަމަށާއި އެގޮތަށް އިރުޝާދު ދީފައިވެސް ނުވާނެ ކަމަށެވެ.

އަދި ފާރިސް މަޖިލީހަށް ހާޒިރުނުކޮށް ޖަލަށް ގެންދިޔައީ ކަރެކްޝަންސްއިން ކަމަށާއި އެކަމުގައި ޒިންމާވާން ޖެހޭނީ އެއިދާރާއިން ކަމަށް ބުނެފައިވެއެވެ. ފާރިސްގެ ޣައިރު ހާޒިރުގައި މަޖިލީހުގެ ޕެންޝަން ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވަން ކޮމިޓީއިން ވަނީ މިއަދު ފާސްކޮށްފައެވެ.