Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވަޅި ހަރާލި ޒުވާނާ މަރުވެއްޖެ

ލިޓަސް ސާވިސް ސެންޓަރ ތެރޭގައި ވަޅިން ހަމާލާދީ "ކޮށާލި" ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިރޭ 9:16 ހާއިރު ހިނގި މި ހާދިސާގައި ފުން ޒަހަމް ލިބި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ރ. މީދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މުހައްމަދު އަނަސްއެވެ.

އަނަސް ޒަހަމްކޮށްލާފައިވަނީ އޭނާ ފަހަތުން އައި ގްރޫޕަކުން ސަލާމަތް ވުމަށް ލިޓަސް ސާވިސް ސެންޓަރ ތެރެއަށް ވަނުމުން 4 މީހުންގެ ގްރޫޕަކުން ވަދެއެވެ.

އަނަސްގެ މެޔަށާއި ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާ އިރު ސާވިސް ސެންޓަރ ތެރޭގައި ވަނީ ލޭގެ ކޯރު ދެމިފައެވެ.

މިހާދިސާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކުރިކަމެއް އަދި ނޫންކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ފުލުހުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލޭގައި ގްރޫޕް މާރާމާރީ އިތުރުވެފައިވާ އިރު މިދިޔަ އަންގާރަ ދުވަހު ހަވީރު ކެފޭއެއްގެ ތެރޭގައި ހުރި ޒުވާނެއްގެ ބޮލަށް ވަޅި ހަރާލައި ވަނީ މަރާލާފައެވެ.