މިއަދު ރައްޔިތުންގެ މަޖިލީހުގެ ފާޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ތަން އާންމު ހާލަތަށް ރުޖޫއަ ވަންދެން ޖަލްސާތައް މެދުކަނޑާލާފައިވާކަން މެމްބަރުންނަށް އަންގައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައި ހުރި ތަނަށް ބެލުމުން ލަފާ ކުރެވެނީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ހާލަތަށް ބަލައި، މިއީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ކުރި ކަމެއް ކަމަށްވެސް މަހްލޫފް ވަނީ ތުހުމަތުކޮށްފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް، ރީކޯ މޫސާމަނިކު ވިދާޅުވެފައިވަނީ ޖަލްސާތައް ބޭއްވުމާއިމެދު ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ރައީސް ކަމަށެވެ.
މިއަދުގެ ޖަލްސާ ބޭއްވުމަށް މަސީހު މަޖިލީހަށް ވަދެވަޑައިގަތުމުން ގިނަ އަދަދެއްގެ ސިފައިން ވަނީ މަޖިލީހުގެ ރިޔާސަތު ކުރިމަތީ ވަށާލާފައެވެ. ނަމަވެސް މެމްބަރުން އިހުތިޖާޖު ކުރުމުން މަސީހް ވަނީ މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގެންފައެވެ.