ކެންޔާގެ ކޮމްޕިއުޓަރައިޒްޑް ވޯޓިން ސިސްޓަމާއި ހަވާލުވެ ހުންނަވާ ކްރިސް މްސާންޑޯ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
އޭނާ މަރުވެފައި އޮތްވާ ފެނިފައި ވަނީ އޮގަސްޓް 8 ގައި ކެންޔާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
ކެންޔާގެ އިލެކްޓޯރަލް ކޮމިޝަންގެ އައިޓީ މެނޭޖަރު ކަމަށްވާ ކްރިސް ވަނީ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ނުހޯދިފައެވެ.
"އޭނާ އަށް އަނިޔާކޮށް މަރާލިކަމާއިމެދު އެއްވެސް ޝައްކެއް ނެތް"، އިލެކްޓޯރަލް ކޮމިޝަންގެ ޗެއާޕާސަން ވިދާޅުވި ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ.
ކެންޔާގައި ކުރިއަށް އޮތް އެޤައުމުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން އެޤައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ލަފާކުރެވޭ ގޮތުގައި ރިޔާސީ ދެ ކެންޑިޑޭޓުންގެ އިންތިޚާބުގައި ވާދަކުރަނީ ވަރަށް ކައިރިކައިރިންނެވެ.
ހޯމަ ދުވަހު ކެންޔާގެ ފުލުހުން ބުނި ގޮތުގައި މްސާންޑޯ އާއި އެހެން އަންހެނެއްގެ މަރުވެފައިވާ ހަށިގަނޑު ނައިރޯބީ ކައިރީގައި އޮންނަ ކިކުޔޫ ސަރަޙައްދުން ފެނިފައިވާ ކަމަށާއި، އެ ދެމީހުންގެ ހަށިތައް ވެސް މިހަރު މޯޗަރީ އަށް ގެންގޮސްފައިވާ ކަމަށެވެ.
މިހާރު އުފެދޭ ހަމައެކަނި ސުވާލަކީ މްސާންޑޯ މަރާލީ ކާކު ކަމަށާއި އިންތިޚާބު މިހާ ކައިރި ވެފައި އޮތްވާ އޭނާ މަރާލީ ކީއްވެގެންތޯ ކަން އިލެކްޓޯރަލް ކޮމިޝަންގެ ޗެއާޕާސަން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މްސާންޑޯގެ ހަށިގަނޑު ފެނުނުއިރު އޭނާގެ އެއް އަތް ނެތެވެ.