ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީޢަތް ހިންގޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އަކީ ޝަހުސު އޮޅުވާލުމުގެ ދައުވާ އެވެ. އެ މައްސަލާގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި، ޖަވާބުދާރީވުމަށް ފާރިސް އަށް އެންގުމުން ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ޖަވާބެއް ތައްޔާރު ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
އެގޮތުން މައުމޫން ހަމީދު ވިދާޅުވީ ޕީޖީގެ ވީޑިއޯ ފާރިސްއާއި އެކު ބެލުމުގެ ފުރުސަތު ވަކީލުންނާއި ފުލުހުން އަދި ކަރެކްޝަންސް އިން ވެސް ދީފައި ނުވާ ކަމަށާއި، އެ މުއައްސަސާތަކުން ބުނާ ގޮތުގައި އެކަމަށް ފުރުސަތު ދިނުމަށް މަތިން އަންގާފައި ނުވާ ކަމަށްކަން އަވަސް ނޫހުން ރިޕޯޓް ކުރެއެވެ.
އެހެންކަމުން، ސީޑީ ބެލުމުގެ ފުރުސަތު ލިބިފައިނުވާއިރު އެއަށް ޖަވާބު ތައްޔާރު ކުރެވެނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަމާއިބެހޭ މުއައްސަސާތަކުން ވަނީ ފާރިސް އާއި އެއްކޮޅަށް ހުރި ހެކީގެ މަޢުލޫމާތުތަކާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީހަށް ދޭން މަޖުބޫރުވާ މަޢުލޫމާތުތައް ވެސް ނުދީ ހިފަހައްޓާފައި ކަމަށާއި، އެއީ ޕީޖީ އޮފީހުން ނުބައި ނިޔަތެއްގައި ކުރަމުންދާ ކަމެއް ކަމަށް ވެސް މައުމޫން ހަމީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.
އެ މަޢުލޫމާތުތައް ދިނުމަށް ޕީޖީ އޮފީހުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އޭނާ ވަނީ ޝަރީޢަތުގައި އެދިފަ އެވެ.
ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ފާރިސްގެ މައްސަލައިގެ ޝައރީޢަތް ހިންގޭނެކަން ކަނޑައަޅުއްވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ފުރުސަތު ލިބޭ ޝަރީއަތުގެ ކުރިން ހުށައަޅަން ބޭނުންވާ ތަކެތި ހުށައެޅުމުގެ ފުރުސަތު ދީފައެވެ.
އެހެންނަމަވެސް އެ ޤަވާއިދު އަދި ސުޕްރީމް ކޯޓުން އެކުލަވާލާފައި ނުވުމާއި އެކު އެތަކެތި ޤާނޫނާ އެއްގޮތަށް ހުށައެޅޭނެ ގޮތެއް ނެތް ކަމަށް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަށް ޖަވާބުދާރީވަމުން ގާޒީ ވިދާޅުވީ، އެ ޤަވާއިދުތައް ނެތް ނަމަވެސް ޝަރީއަތުން އެތަކެތި ބަލައިގަންނަމުން ދާ ކަމަށާއި، ވަކި ފޯމެއްގައި ނޫނަސް އެތަކެތި ހުށައެޅުމުން ބަލައިގަނެވޭނެ ކަމަށެވެ.
އެހެންކަމުން އެތަކެތި ހުށައަޅުއްވާނެ ކަމަށް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ޖަވާބު ދައުލަތުން ހުށައަޅާނެ ކަމަށް ދައުލަތުގެ ވަކީލު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެތަކެތި ހުށައެޅުމަށްޓަކައި އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ވަނީ ނިންމާފައެވެ. އެ އަޑުއެހުމަށްފަހު އެ މައްސަލައިގެ ޝަރީޢަތް ފެށުމަށްޓަކައި ބާއްވާ އަޑުއެހުމާއި ދޭތެރޭ 30 ދުވަހު މުއްދަތެއް ލިބޭނެ އެވެ.