Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

"ބިގް ބޮސް" ގެ ލޯގޯ ބަދަލުކޮށްފި

ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ރިއަލިޓީ ޓީވީ ސީރީސް ބިގް ބޮސް ގެ 11 ވަނަ ސީޒަން އިއުލާން ކުރެވުނީއްސުރެ އެ ޝޯގެ ހުރިހާ ފޭނުން ވެސް ތިބީ އާ ސީޒަނަށްޓަކައި ކެތްމަދުވެފަ އެވެ.

އެހެން ސީޒަންތަކާއި ޚިލާފަށް މި ފަހަރުގެ ސީޒަން ޕްރިމިއާ ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ. ދާދިފަހުން އެ ޝޯގެ ލޯގޯ ވެސް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން މި ފަހަރު 'ބިގް ބޮސް' ގް ޕްރޮޑިއުސަރުން ޝޯގެ ލޯގޯ ހަދާފައި ވަނީ ރީނދޫ އަދި ހުދު ކުލައިންނެވެ. އެ ޝޯގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާ ލޯގޯ ވަނީ އާންމުންނަށް ދައްކާލާފައެވެ.

އަދި ބިގް ބޮސް 11 ގެ ބައިވެރިން ފައިނަލް ކުރެވިފައި ނުވިނަމަވެސް، އެހެން އަހަރުތަކާއި ޚިލާފަށް މި ފަހަރު މަޝްހޫރު ތަރިންގެ އިތުރުން އާންމުން ވެސް ބައިވެރިވާނެ ކަމުގެ ވާހަކަތައް ވަނީ ފެތުރިފައެވެ.

ބިގް ބޮސް 10 ގެ ކާމިޔާބީއަށްފަހު، ބިގް ބޮސް 11 ގައި ތަރިންނާއި އާންމުން އެކީގައި ފެނިގެންދާނެ އެވެ.

ޝޯގައި ބައިވެރިވުމަށްޓަކައި އާންމުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު ވަނީ ޖުލައި 21 ވަނަ ދުވަހު ބަންދު ކުރެވިފައެވެ.

މި ފަހަރުގެ ސީޒަންގެ ހޯސްޓަކީ ވެސް ބޮލީވުޑްގެ ތަރި ސަލްމާން ޚާން އެވެ.