ވަޅިން ހަމަލާދީ ރޭ މަރާލި ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް އާއި މިދިޔަ އަންގާރަ ދުވަހު ބޮލަށް ވަޅި ހަރާލައި މަރާލި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބުދުއްރަހްމާނުގެ މަރުގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ހަމަލާދީ އަނަސް މަރާލާފައިވާ އިރު ނަދީމްއަށްވެސް ހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.
ރޭގެ ހާދިސާ ހިންގާފައިވަނީ ސައިކަލަކުން އައި ދެމީހެކެވެ. އެމީހުން އަނަސްއަށް ހަމަލާ ދިނުމަށްފަހު އެ ސަރަހައްދުން ގޮސްފައިވަނީ ވަންވޭ ފަޅާލާފައިކަމަށް މައުލޫމާތު ލިބެއެވެ.
މާލޭގައި ގްރޫޕް މާރާމާރީ އިތުރުވެފައިވާ އިރު ފާއިތުވި މަސް ދުވަހު މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީ ހިންގުމުގެ 5 ހާދިސާ ވަނީ ހިނގާފައެވެ.
މާރާމާރީ އާއި ތޫނު އެއްޗެހިން ހަމަލާ ދިނުން އިތުރުވި ނަމަވެސް މިކަންކަމަށް ހާއްސަ ސަމާލުކަމެއް ނުދޭކަމަށް ބުނެ އާއްމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.