ދިވެހިރާއްޖެއަށް ކުރިހާ ދެރަ ނިކަމެތި ކަމެއް ދިމާވަނީ ރައްޔިތުންގެ ތާއީދު ނެތް މީހަކު ވެރިކަން ކުރަން އުޅޭތީ ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމަށް ފަހު ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި މުސްތަފާ މިގޮތަށް ވިދާޅުވެފައި ވަނީ ރޭ އިއްޔެ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
"މި ގައުމަށް މިހުރިހާ ދެރަ ނިކަމެތިކަމެއް މި ދިމާވަނީ ރައްޔިތުންގެ ތާއީދު ނެތް މީހެއް ގަދަބާރުން ވެރިކަން ކުރަން އުޅޭތީ"
މާލޭގައި މި ފަހަކަށް އައިސް ހިނގަމުންދާ މާރާމާރީތަކާއި އަދި ހަމަނުޖެހުންތަކާއި ގުޅިގެން މުސްތަފާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ފާއިތުވި މަސް ދުވަހު މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީ ހިންގުމުގެ 5 ހާދިސާ ވަނީ ހިނގާފައެވެ. އަދި ފާއިތުވި 3 ދުވަހުގެ ތެރޭގައި މާރާމާރީތަކުގައި 2 މީހަކު މަރާލާފައި ވީ ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.