Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ރައްޔިތުން ވިސްނާ، ރައްކާތެރިކަން ވަކި ބަޔަކަށް"

ވެރިރަށް މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީ ތަކުގައި ފާއިތުވި 3 ދުވަހުގެ ތެރޭގައި 2 މީހަކު މަރާލުމާއި އެކު އާއްމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން މިވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

ފޭސްބުކް ޕޯސްޓް ތަކާއި ޓްވިޓަރ އަށް އެކަނި ބަލާލުމުން ވެސް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ހާމަވެގެން ދާނެއެވެ. ބިރުވެރިކަމާއި ނާމާންކަން ވެރިވެފައިވާ ކަން ހާމަކުރަމުން އެންމެން ވެސް ކުރާ ސުވާލަކީ، "ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކޮށްދޭން ހުވާކޮށްގެން ތިބި މީހުން ކޮބައި ހެއްޔެވެ؟"

އެ ސުވާލަށް އެންމެ އެކަށީގެންވާ ޖަވާބު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިވަނީ ދެއްވާފައެވެ. އާޒިމް ކުރެއްވި ޓްވީޓުން ޤައުމުގެ ހާލަތު ވަރަށް ރަނގަޅަށް މިވަނީ ހާމަވެގެން ގޮސްފައެވެ.

އާޒިމްގެ ޓްވީޓުގައި ހިމެނޭ ދެ ފޮޓޯއިން އެއް ފޮޓޯ އަކީ، އިއްޔެ މާލޭގެ ގަރާޖެއްގެ ތެރޭގައި މަރާލި ޒުވާނާގެ ފޮޓޯ އެކެވެ. އަނެއް ފޮޓޯގައި ފެންނަނީ ސިފައިންގެ ފައުޖެއްގެ އެހީތެރިކަމާއި އެކު މަޖިލީހުގެ ރައީސް މަސީހު ރިޔާސަތުގައި އިންނަވާ މަންޒަރެވެ.

"ދިވެހި ރައްޔިތުން ވިސްނާ. ސަލާމަތާއި ރައްކާތެރިކަން ވަކި ބަޔަކަށް. ފުލުހުންނާއި ސިފައިން ސިޔާސީ މީހުން ފަހަތުން ދުވަނީ. ބަދަލުކުރަން ނިކުމޭ"- މެންބަރ އާޒިމް-

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި މާލޭގައި ގްރޫޕް މާރާމާރީތައް އިތުރުވެ ދެ މީހަކު މަރާލާފައި ވާއިރު އެ މައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ފަރާތުން ފިޔަވަޅުތަކެއް އަޅަމުން ގެންދާތަން ނުފެންނަ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްސަލަތައް ތަހުގީގު ކުރުން ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާތީ ފުލުހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.