ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
އަސްލަމް ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ ބައެއް މެމްބަރުން މަޖިލީހަށް ވަދެފައިވާ މައްސަލައާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ.
މާދަމާ ހަވީރު 5:00 އަށް އަސްލަމް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު އޭނާ ވަނީ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހުގެ ތެރެއަށް ވަދެފައެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ފުލުހުންނާއި ސިފައިން އަމަލުކުރީ ގާނޫނާއި ޚިލާފަށް ކަމަށާއި މަޖިލީހުގެ މެމްބަރުން މަޖިލީހަށް ނުވަދެވޭނީ ވަކި މެމްބަރެއްގެ ނަން، ރިޔާސަތުން އިއްވުމަށްފަހު ސިފައިންނަށް އެގޮތަށް އަމުރުކުރުމުން އެކަނި ކަމަށް ބުނެފައެވެ.
މިމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.