Last Updated: May 20, 18:10
Monday, May 20, 2024
ރިޕޯޓް

ސަފީރުންނޭ ކިޔައިގެން ތާކުންތާކު ނުޖެހޭ ވާހަކަ ނުދައްކާށެވެ.

އިންޑިއަން އެމްބަސީ، ފޮޓޯ: އޭޕީ

ނޫސްތަކުގައި ލިޔެފައި ހުންނަ ދެކޮޅުނުޖެހޭ ވާހަކަތައް އާއްމުގޮތެއްގައި އަހުރެން ބަލައި ނޫޅެމެވެ. އެހެންމަވެސް މިއަދު ކޮންމެވެސް ނޫހެއްގައި ބޭރުގައުމުތަކުގެ ސަފީރުންނޭ ދިވެހިރާއްޖެއޭ މޭޖަރ ފިލިޕްސްއޭ ކިޔައިގެން ކޮންމެވެސް މީހަކު ދަމާފައިވާ ހާސަރުތަކެއް އަހުރެންގެ ސަމާލުކަމަށް ކޮންމެވެސް ރައްޓެއްސަކު މިއަދު ގެނެސްދިނީމާ އެލިޔުން ބަލައިފީމެވެ. ހިތަށްއެރިއެވެ. ސަހަރޯއެވެ. ދުނިޔޭގެ ކަންހިނގާމަގާއި ބައިނަލްއަގުވާމީ ގުޅުންތައް ބައްޓަންވެގެން އަންނަގޮތާއި ތާރީޚާއި މިކަންކަމުގެ އަލިފުވެސް އެނގިފައިނެތީއެވެ.

އެލިޔުމުގައި ބަންޑުންކޮށްފައި އޮތީ އުދާސްތަކެކެވެ. ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގައުމުތަކުގެ ސަފީރުންނާއި ދިވެހިރާއްޖެއަށް އައްޔަންކުރެވިފައި ތިއްބަވާ ބޭރުގައުމުތަކުގެ ސަފީރުން ދިވެހި ސަރުކާރު އެދޭގޮތް ނޫން އެހެން ގޮތަކަށް ވިސްނުން ގެންގުޅުއްވާތީ އެކަމުގެ އުދާސްތަކެވެ. ދެން ތާރީޚުގައިވެސް މިޒާތުގެ ކަންކަން ހިނގާފައި އޮތީ މިހެންނޭ ކިޔައިގެން އިނގިރޭސިވިލާތުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހިފައިހުރި ވާހަކައެވެ.

އާތިންޓަން ޑޭވީއަކާއި މޭޖަރ ފިލިޕްސްގެ ވާހަކަ ލިޔެފައި އޮތެވެ. އެމީހުން ދިވެހިންގެ ހިތްތައް ފަތަހަކޮށްގެން ތިބެ އެންމެފަހުން ދޯކާދީފައި ރާއްޖެ ބައިބައިކޮށްލީކަމަށް ބަޔާންކޮށްފައި އޮތެވެ. އެބުނާ ދުވަސްވަރު ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން މުސްތަގިއްލު ދައުލަތެއް ނޫނެވެ. ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ. އެ ހިމާޔަތުން ނެއްޓި ފުރިހަމަ މިނިވަން ގައުމަކަށްވީ 26 ޖުލައި 1965 ގައި ސޮއިކުރެވުނު އެއްބަސްވުމަކުންނެވެ. އެހެންވީމާ ގާނޫނީ ގޮތުން އިނގިރޭސީންގެ ދަށުގައި ތިބިބަޔަކު ދިވެހީންގެ ކަންކަމާ ބެހިފައިވާގޮތުގެ މިސާލު މިހާރު ހިނގާ ކަންކަމަށް ނިސްބަތްކޮށް ހާސަރުތަކެއް ދަމަން ޖާގަ އެބައޮތްބާވައެވެ.

ދެންއޮތީ އެބުނާ ބެހުމެއް އިނގިރޭސިން ބެހުނު ގޮތާއި އެކަން ހިނގައިދިޔަގޮތެވެ. ދިވެހިރާއްޖޭގެ ދެކުނުގައި ހިގި ގަޑުބަޑާއި އެކަމުގެ ސަބަބުތަކެވެ. ތާރީޚާއި ބެހޭގޮތުން އެއްޗެއް ބުނާންވާނީ ތިމާ ހިތްއެދޭ ގޮތަށްވުރެ ބޮޑަށް އެކަންކަމުގެ މައުލޫމާތުގެ ތެރެއަށް ފީނައިގެންހުރެއެވެ. ޔޯލަ ކަންތައްތަކާއި ޕްރޮޕަގެންޑާ ލިޔުންތަކަށް ބަރޯސާކޮށްގެން ލިޔުނީމާ އެއީ ތާރީޚަށް އިންސާފު ކުރެވުނީ ކަމަކަށް ނުވާނެއެވެ.

އެމްބަސީތައް ހަދައިގެން އެއްގައުމުން އަނެއްގައުމަށް ސަފީރުން ފޮނުވަނީ މާލޫދު ފާތިހާ ކިޔައިދޭކަށް ނޫނެވެ. އެސަފީރަކު ހުންނަވާ ގައުމެއްގެ ސަރުކާރަށް ސަނާކިޔައި އެސަރުކާރެއް ދަމަހައްޓައިދޭކަށްވެސް ނޫނެވެ. އެހެންވީމާ ސަރުކާރާ އިދިކޮޅު މީހުންނާ ސަފީރުން ބައްދަލުކުރެއްވީމާ ވަކިބަޔެއްގެ އަމިއްލަ އެދުމަށް ސަފީރުންވެސް ތާއީދުކުރައްވާކަމަށް ތުހުމަތުކޮށް ހާސަރު ދެމުމަކީ ގޮތްކުޑަކަމާއި ތަންދޮރުނުދަންނަކަމުގެ ކޮޅުނެތްކޮޅެވެ. ދޭދޭގުޅުންތައް ބައްޓަންކުރެވި ކުރިއަށް ގެންދާގޮތް މޭރުންނުވާކަމުގެ ހެއްކެކެވެ.

ކޮންމެ ގައުމެއްގެ ސަފީރުވެސް އެތަމްސީލުކުރައްވަނީ އެ ސަފީރަކު ނިސްބަތްވާ ގައުމެއްގެ ސަރުކާރާއި ރައްޔިތުންނެވެ. ތަމްސީލު އެކުރައްވަނީ އެގައުމެއްގެ މަސްލަހަތެވެ. އެހެންވީމާ ސަފީރުކަމުގައި އެހުންނަވާ ގައުމެއްގެ ކަންކަން ވަރަށް ގާތުން ކޮންމެ ސަފީރަކުވެސް ބައްލަވާނެއެވެ. ކަންހިނގާނުހިގާގޮތް އޮޅުންފިލުއްވާނެއެވެ. ސިޔާސީ ރޮނގުގެ ދެފަރާތުގައި ތިބޭ މީހުންނާވެސް ބައްދަލުކުރައްވާނެއެވެ. އެއީ އެސަފީރަކަށް ލާޒިމުކުރާ ކަމެކެވެ.

ގައުމުތަކާއި ގުޅުން ގާއިމުކޮށް ޒާތްޒާތުގެ އެއްބަސްވުންތައް ގާއިމުކޮށްގެން ތިބޭކަމަށް ވަނީވިއްޔާ އެ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރޭތޯ ވެސް އެވެރީން ބަލާނެއެވެ. ކަންކަމުގައި އެހީހޯދަނީ ދިވެހި ގައުމުގެ ރައްޔިތުން ދައްކާފައި ރައްޔިތުންގެ ހެވާއި ލާބަޔަށޭ ބުނާކަމަށްވެއްޖެނަމަ އެރައްޔިތުން އުޅޭނޫޅޭގޮތްވެސް އެވެރީން ބަލާނެއެވެ. އެއީ އެވެރީންނަށް ލާޒިމުކުރާ ކަމެކެވެ. މިކަމާ ނުރުހޭނަމަ އޮތީ ތިން ގޮތެކެވެ. އެއްގޮތަކީ ޚާރިޖިއްޔާއަށް ސަފީރު ހާޒިރުކޮށް ނުރުހޭކަން ބަޔާން ކުރުމެވެ. ދެވަނަ ގޮތަކީ މިސަފީރާއި ތިމަންނަމެން ނުރުހެމޭ މީނާގެ ސަފީރުކަމުގެ އިމްތިޔާޒުވެސް ގަބޫލުކުރުން ހުއްޓާލައިފީމޭ މީނާ ގެންދަހަރޭ އެގައުމެއްގެ ސަރުކާރަށް އެންގުމެވެ. ތިންވަނަ ގޮތަކީ ސިޔާސީ ގުޅުން ކަނޑައިލުމެވެ. މީންކަމެއް ނުކޮށް އެވެރީންނަށް ކިޔަން ނޭގޭ ބަހަކުން ނޫސްތަކުގައި ލިޔުންތައް ލިޔެ ދިވެހީންނަށް އޮޅުވާލަން އުޅުމުގެ މަންފާއެއް ނެތެވެ.

ރާއްޖޭގައި ތިއްބަވާ ބޭރުގައުމުތަކުގެ ސަފީރުން އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންނާ ބައްދަލުކުރައްވާތީ ސަރުކާރު ފަޅީގެ މީހުން ކަންބޮޑުވެގެން އުޅޭއިރު ބޭރުގެ ބައެއް ގައުމުތަކުން ބުނީމާ ބުނިހާ ގޮތަކަށް ދިވެހި ސަރުކާރުން ކަންތައްކުރާތީ ދިވެހިރައްޔިތުން މިތިބީ އެކަމާ ކަންބޮޑުވެގެންނެވެ. އީރާނާއެކު ގުޅުން ކަނޑައިލީ އީރާނުން ދިވެހިރާއްޖެއަށް ގޯނާކުރާތީ ބާވައެވެ. ގަތަރާއެކު ގުޅުން ކަނޑައިލީ ގަތަރުން ދިވެހިރާއްޖޭގެ މަސްލަހަތަށް ނުރައްކާކުރާތީ ބާވައެވެ.

ގައުމުތަކަށް ސަފީރުން ފޮނުވަނީ އެގައުމަކާއި އެސަރަހައްދެއްގެ ކަންތައް ހުންނަ ނުހުންނަ ގޮތަކަށް ބަލާފައި އެކަމަށް އެންމެ ގާބިލު މީހުންނެވެ. އެހެންވީމާ ސިޔާސީ މީހުންނާއި އަސްކަރީ މީހުން ސަފީރުންނަށް ފޮނުވަނީ ވަކިއެދުމެއްގައޭ ބުނުމަށް ފުރުސަތެއް ނެތެވެ. ކޮންމެ އެމަބަސީއެއްގެ މަސައްކަތް ބިނާވަނީ އެގައުމެއްގެ ކެރިފޯރުންތެރިކަމާއި މަސްލަހަތު ހުންނަގޮތެއްގެ މައްޗަށެވެ. ބޮޑެތި އެމްބަސީތަކުގައި މިލިޓަރީ އެޓާޝޭއިންވެސް ތިބޭނެއެވެ. ސިޔާސީ ސެކްރެޓަރީންވެސް ތިބޭނެއެވެ. އެއީ އެކަންކަން ބައްޓަންވެފައި ހުންނަގޮތެވެ.

ޑިޕްލޮމޭޓުންނާއި އެމްބަސީތަކުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މުއާހަދާއެއް އޮވެއެވެ. އެމުއާހަދާއިން ޑިޕްލޮމެޓުންނާއި އެމްބަސީތަކަށް ޚާއްސަ އިމްތިޔާޒުތަކެއް ލިބެއެވެ. އެހެންވީމާ އަނިޔާއަށް ފިލަން އޭގެ އެމްބަސީއަކަށް މީހަކު ވަދެއްޖެނަމަ އެމީހަކަށް އެހިމާޔަތްދޭނެތޯ ނުވަތަ ނޫންތޯ އެތާގައި ހުންނަވާ ސަފީރަކަށް ނިންމެވިދާނެއެވެ. އެ ސަފީރު ގޮތެއް ނިންމަވާނީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ހާލަތަށް ރިއާޔަތް ކުރައްވާފައެވެ. އެމީހަކާ ދެކޮޅަށް އެގައުމެއްގެ ސަރުކާރުން އުފުލާފައިވާ ސިޔާސީ ދައުވާތަކަށް ތަބާވުމެއް މިޔަކު ނޯވެއެވެ. މިއީ އެހެން ގައުމުތަކުގައިވެސް މިކަން އޮންނަގޮތެވެ.