Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މާރާމާރީއާ ގުޅިގެން 20 މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިނގި ސިލްސިލާ މާރާމާރީއާ ގުޅިގެން ޖުމުލަ 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރާ ހަވާލާދީ "އަވަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މާލޭގައި މާރާމާރީ ހިނގަމުންދަނީ ދެ ގްރޫޕެއްގެ ދެމެދު ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ.

އަދި ދެ ގްރޫޕުގެ މެމްބަރުންވެސް މާރާމާރީއާއި ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ އަދަދު 20 އަށް އަރާ ކަމަށް މިނިސްޓަރު މައުލޫމާތު ދީފައިވެއެވެ.

އަދި މިކަމުގެ ތެރޭގައި އުޅުނު މީހުން ފުލުހުން ހޯދާނެ ކަމަށާއި ގާނޫނުގެ ތެރެއިން އެމީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަޒްލީންވަނީ މީޑިޔާއަށް ދެއްވާފައެވެ.

ހަފްތާއެއްގެ ތެރޭގައި މާލޭގައި 5 މާރާމާރީ ހިންގާފައިވާއިރު 2 ޒުވާނަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. ރޭގެ މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިވާ ޒުވާނާއަކީ ހަމަލާދިން މީހުން ހޯދަން އުޅުނު މީހާ ނޫން ކަމަށާއި އެޒުވާނާއަށް ހަމަލާ ދީފައިވަނީ އޭނާ ލައިގެން ހުރި ޓީޝާޓު ހޯދަން އުޅުނު މީހާގެ ޓީޝާޓާއި ވައްތަރުވެގެން ކަމަށް މީޑިޔާގައި ވަނީ ޚަބަރު ފެތުރިފައެވެ.