ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކިޔަވައިދެމުންދިޔަ ލެކްޗަރާ އަދި ދީނީ އިލްމުވެރިޔާ ޝެއިޚް އަހުމަދު ޝާފިއުގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އުފުލައިފިއެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ މޭ މަހު އޭނާގެ ކުލާހެއްގައި ކިޔަވަމުންދިޔަ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުކޮށް ފުލުހުން ތަހުގީގު ކުރުމަށްފަހުގައެވެ.
އެމައްސަލަ ފެންމަތިވެ، ޔުނިވާސިޓީއަށާއި ލެކްޗަރާއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެމްއެންޔޫއިން ވަނީ މޭ މަހުގެ ތެރޭގައި އަހުމަދު ޝާފިއު މަގާމުން ވަކިކޮށްފައެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައިވަނީ މިމައްސަލައިގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު މައްސަލަތަކެއްގައި ތުހުމަތުކުރެވޭ ފަރާތްތަކށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.