ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން އައްޑޫގައި ބާއްވާ "ގްލޯބަލް ލިންކްސް ޗެލެންޖް 2013" ގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު މިއަދު ހަވީރު ހުށަހަޅަން ޖެހޭ ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ބުނެފި އެވެ.
ގްލޯބަލް ޗެލެންޖްގެ އިންތިޒާމް ކޮމެޓީގެ ފަރާތުން މުހައްމަދު އަލްޠާފް (އަލްޓީ) މިއަދު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 7 ޓީމަކުން ފޯމު ސެޓް ނަގާފައިވާ ކަމަށެވެ. އަދި މިހުރިހާ ޓީމްތަކުން ވެސް ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު މިއަދު ހަވީރު 5:30 ގެ ކުރިން ހިތަދޫ ޒޯން ސްޓޭޑިއަމްގައި ގާއިމް ކުރެވިފައިވާ ޓޯނަމެންޓް އޮފީހަށް ފޯމުސެޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"ޓީމްތަކުގެ ލިސްޓް، ކުޅުންތެރިންގެ ވަނަވަރު ހިމެނީ ލިސްޓް މިއަދު ހަވީރު 5:30 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ޓީމްތަކަށް އަންގާފައި ވާނީ. އެހެންވީމަ މިބަލަނީ އެ ވަގުތަށް ހުރިހާ ޓީމަކުންވެސް ފޯމު ސެޓް ހުށަހަޅާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
އަލްޓީ ވިދާޅުވީ މުބާރާތުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރެއެވެ. އަދި ގުރުއަތު ލުން ބާއްވާ ތަނަކާއި ގަޑިއެއް ޓީމް ތަކުގެ މެނޭންޖްމަންޓަށް އަންގާނެކަމަށެވެ.
އައްޑޫގައި ބޮޑު ފުޓްބޯޅަ މުބާރާތެެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުން ގްލޯބަލް ލިންކްސް އިން ބާއްވާ މުބާރާތަކީ މިހާތަނަށް އައްޑޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ގްލޯބަލް ލިންކްސް އިން ހުށަހަޅާފައިވާ އަގަކީ ޖުމްލަ 100،000ރ. ގެ ފައިސާގެ އިނާމެކެވެ. އަދި ރަނައަ ޕް ޓީމަށް ހުށަހަޅާފައިވަނީ 25،000ރ. ގެ ފައިސާގެ އިނާމެކެވެ.
ގްލޯބަލް ލިންކްސް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.