Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ޔާމީން "މަރާލި" މީހުންނަށް ދައުވާކޮށްފި

މިދިޔަ އެޕްރީލް މަހު އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިޔާ އެކްޓިވިސްޓު އަދި ބްލޮގަ، ސ. ފޭދޫ، ޗަނބޭލީގޭ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 7 މީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައިވަނީ ޔާމީންގެ މަރުގެ ތަހުގީގަށް ފުލުހުން އެއްކުރި މައުލޫމާތާއި ގުޅިގެން ހައްޔަރުކުރި 7 މީހުނަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދައުވާ އުފުލި 7 މީހުންގެ ތެރެއިން ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށްބުނާ 3 މީހެއްގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރެއިން ދެމީހުންނަކީ ކުށުގެ ރެކޯޑު އޮތް ދެމީހުން ކަމަށާއި އެކަކަށް ވަނީ ހުކުމް ކުރުމަށްފަހު ހުކުމް ތަންފީޒުވެސް ކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ތިން މީހުންނަކީ މ. ތާއިފް، އިސްމާއީލް ރަޝީދު،25 އާއި ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު،21 އާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއީލް، 22 އަހަރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މީގެތެރެއިން ކުށުގެ ރެކޯޑު އޮތީ އިސްމާއިލް ރަޝީދާއި އިސްމާއިލް ހައިޝަމް ރަޝީދުގެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހައިޝަމް ރަޝީދަކީ ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި އޭނާ ވަނީ އެމައްސަލައާއި ގުޅިގެން ހުކުމް ތަންފީޒުކޮށްފައެވެ. އަދި އިސްމާއިލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.