Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މަޖިލީހަށް ދިއުމަކީ ކުށެއް ނަމަ އިއުތިރާފުވަން: އަސްލަމް

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަކީ ކުށެއް ކަމަށް ވާނަމަ އެކުށަށް އިއުތިރާފުވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ވަނުމުން އެކަމާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ފޮނުވުމުން ކުރެއްވި ޓުވީޓެއްގައެވެ.

ޓުވީޓުގައި އަސްލަމު އިތުރަށް ވިދާޅުވެފައިވަނީ ދޭ ކޮންމެ އަދަބަކަށްވެސް ތައްޔާރު ކަމަށާއި އަދިވެސް މަޖިލީހަށް ދާނެ ކަމަށެވެ.

އަސްލަމްގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުވެސް ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވެއެވެ.

މިމެމްބަރުން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫންކަމަށް ކަނޑައަޅާފައިވާ މެމްބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު މަޖިލީހަށް ވަދެފައިވާ މައްސަލައާ ގުޅިގެން ބަޔާން ނަގައި ސުވާލުކުރުމަށެވެ.