Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މަގުތައް އަމާން ކުރަން ފުލުހުންނާ އެކު ސިފައިން ނެރެނީ

މާލޭގެ މަގުތައް އަމާން ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ސިފައިންވެސް ބައިވެރި ކުރުމަށް ނިންމައިފި އެވެ.

ފާއިތުވެދިޔަ 7 ދުވަސް ތެރޭ މާލޭގައި 5 މީހެއްގެ ގަޔަށް ވަޅި ހަރައި، 2 މީހަކު މަރާލާފައިވާއިރު އެމައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ބޭއްވި ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފައިވަނީ މާރާމާރީ ހުއްޓުވުމަށް ބުރަ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ފުލުހުން ކުރާ މަސައްކަތުގެ އަގު ވަޒަންނުކޮށް، ރައްޔިތުންނަށް ފުލުހުން ކުރާ މަސައްކަތް ނުކުރާ ކަމަށް ދެއްކުމަށް ބައެއް މީހުން މަސައްކަތް ކުރާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އަޒްލީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ގޭންގުތައް ހަރަކާތްތެރިވުމުގެ ފަހަތުގައި ސިޔާސީ ފަރާތްތައް ވޭތޯ ބެލުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖެ ފަދަ ކުޑަކުޑަ މުޖުތަމައެއްގައި ކައިރި މުސްތަގުބަލެއްގައި ދެމީހަކު ގަސްދުގައި މަރާލުމުން އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި އެހާމެ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް އޭނާ ވަނީ އަލިއަޅުވާލާފައެވެ.

އަދި މިފަހަރުގެ ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުން ހޯދައި އެމީހުން ހައްޔަރުކޮށް، ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި އަވަސް މުއްދަތެއްގެ ތެރޭގައި އެޅުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އަޒްލީން ވަނީ ޕްރެސްގައި ވިދާޅުވެފައެވެ. އަދި މިހާތަނަށް 20 ވަރަކަށް މީހުން ވަނީ ފުލުހުން ހައްޔަރުކޮށްފައި ކަމަށް އޭނާ ވަނީ އިތުރުކޮށްފައެވެ.