Last Updated: May 20, 19:22
Monday, May 20, 2024
ޚަބަރު

ޕާކިސްތާންގެ ބޮޑުވަޒީރަކަށް ނަވާޒް ޝަރީފްގެ ޕަޕެޓެއް

ޝާހިދު ޚާން އައްބާސީ، ޕާކިސްތާނުގެ އާ ބޮޑު ވަޒީރު، ފޮޓޯ: ހިންދުސްތާން ޓައިމްސް

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ވަގުތީ ބޮޑުވަޒީރަކަށް ޝާހިދު ޚަގާން އައްބާސީ މިއަދު އައްޔަންކޮށްފި އެވެ.

އެމަގާމަށް އައްބާސީ އިންތިޚާބުކުރީ ނަޒާހަތްތެރިކަން ގެއްލިފައިވާކަމަށް ބުނެ ސްޕްރީމް ކޯޓުން ނަވާޒު ޝަރީފު ޑިސްކޮލިފައި ކުރުމާ ގުޅިގެންނެވެ.

ޑިސްކޮލިފައި ކުރެވުނު ނަވާޒް ޝަރީފުގެ ޕާޓީކަމަށްވާ މުސްލިމް ލީގު ނަވާޒް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އައްބާސީއަށް ގާނޫނު ހަދާ މަޖިލީހުން 221 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ނަވީދު ގަމަރަށް 47 ވޯޓު ލިބިވަޑައިގެންނެވިއިރު އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީގެ ޝައިޚް ޜާޝިދު އަހުމަދަށް ލިބިވަޑައިގެންނެވީ 33 ވޯޓެވެ. ޖަމާއަތު އިސްލާމީ ޕާޓީގެ ސާހިބްޒާދާ ތަރީގުﷲއަށް ލިބިވަޑައިގަތީ އެންމެ ހަތަރު ވޯޓެވެ.

ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓަށްފަހު މިރޭގެ ވަގުތެއްގައި ރައީސް މަމްނޫނު ހުސައިނުގެ ކުރިފުޅުމަތީގައި ރިޔާސީ ގަޑުވަރުގައި ޝާހިދު ޚަގާން އައްބާސީވަނީ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައި މަގާމާއި ހަވާލުވެވަޑައިގެންފައެވެ. އުމުރުފުޅުން 59 އަހަރުގެ އައްބާސީއަކީ ޕާކިސްތާނުގެ ކުރީގެ ޕްރޮޑަކްޝަން މިނިސްޓަރު ޚަގާން އައްބާސީގެ ދަރިކަލުންނެވެ. ރާވަލްޕިންޑީ ސަހަރަށް ނިސްބަތް ވެވަޑައިގަންނަވާ އައްބާސީއަކީ އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީން އިލެކްޓްރިކަލް އިންޖިނޭރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ބައްޕާފުޅު ޚަގާން އައްބާސީ އަވަހާރަވުމާ ގުޅިގެން ޕާކިސްތާނުގެ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމުގެ ކުރިން އައްބާސީވަނީ އެމެރިކާ އާއި ސައުދީ އަރަބިޔާގައި ވަޒީފާ އަދާކުރައްވައިފައެވެ.

ނަވާޒް ޝަރީފުގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި އައްބާސީވަނީ ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ ޗެއަރމަންކަން ކުރައްވައިފައެވެ. އަދި ޔޫސުފް ރިޒާ ގިލާނީގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ވިޔަފާރިއާބެހޭ ވަޒީރުކަންވެސް ވަނީ ކުރައްވައިފައެވެ. ނަވާޒް ޝަރީފުގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގައި އައްބާސީ ހުންނެވީ ތެލާއި ގޭހާއިބެހޭ ވަޒީރުގެ މަގާމުގައެވެ.

އައްބާސީއަކީ ނަވާޒް ޝަރީފުގެ ގާތް ބައިވެރިޔެކެވެ. އެހެންކަމުން އޭނާ ކުރިއަށް ވަޑައިގަންނަވާނީ ނަވާޒް ޝަރީފު ދައްކަވާ މަގަކުންނެވެ. އައްބާސީ ބޮޑުވަޒީރުކަމުގައި ހުންނަވާނީ ގާތްގަޑަކަށް ދެމަސް ދުވަހުއެވެ. އެއީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފު ޕަންޖާބު ޕްރޮވިންސްގެ ކޮންމެވެސް ދާއިރާއެއްގެ ބައިއިލެކްޝަނުގައި ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވަންދެނެވެ. އެއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ ޝަހުބާޒު ޝަރީފެވެ. އޭނާ މިވަގުތު ހުންނެވީ ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައެވެ. ޝާހުބާޒަށްވެސް ބޮޑުވަޒީރުކަމުގައި ހުންނެވޭނީ މަދު ދުވަސްކޮޅަކުއެވެ. އެއީ އަންނަ އަހަރު ޕާކިސްތާނުގައި އާއްމު އިންތިޚާބު ބޭއްވުމާ ހަމައަށެވެ.

އަންނަ އަހަރު ބާއްވާ އިންތިޚާބުގައި މުސްލިމް ލީގު ނަވާޒަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބުން ދުރުކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމަށްވެއްޖެނަމަ ދެން ވެރިކަމަށް އަންނާނީ ޕާކިސްތާން ޕީޕަލްސް ޕާޓީ ނުވަތަ ތަހްރީކޭ އިންސާފް ޕާޓީއެވެ. އެހިސާބަށް ޕާކިސްތާނުގައި ކުރިއަށްދާނީ ނަވާޒް ޝަރީފުގެ ސިޔާސަތުތަކެވެ. ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ވެރިކަމުގެ ބާރުތައް ބޭނުންކުރައްވާނީ ނަވާޒް ޝަރީފެވެ. އެއީ ކަށަވަރުކަމެކެވެ.

އާ ބޮޑުވަޒީރު އައްބާސީއާ ދެކޮޅަށްވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެހެންވީމާ ސްޕްރީމް ކޯޓުން އައްބާސީ ޑިސްކޮލިފައި ކުރުމަކީވެސް މުޅިޔަކުން ދުރުކަމެއް ނޫނެވެ. އެކަމަކު އައްބާސީ ވިދާޅުވަނީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އޭނާ ހިންގަވާފައިނުވާނެ ކަމުގައެވެ.