Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނުފިލާނަން، ބޭނުމީ ޔާމީންގެ ވެރިކަން ބަދަލު ކުރަން: މަހްލޫފް

ފިއްލަވަން ނޫޅުއްވާކަމަށާއި ބޭނުންވަނީ ރާއްޖޭގައި ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުއްމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ފިއްލަވައިގެން އަވައްޓެރި ސްރީލަންކާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ"ޖާސޫސީ" މައުލޫމާތަކާއި ގުޅިގެން މިއަދު ވަނީ މަހްލޫފްގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ހިފަހައްޓާފައެވެ.

މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމު ނެރުއްވި އަމުރުގައިވަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް މިދިޔަ ހޯމަ ދުވަހު ހުރަސްއަޅައި ސިފައިންނާ މެދު މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. އެގޮތުން މަހްލޫފްގެ ޕާސްޕޯޓްވަނީ އެއްމަސް ދުވަހަށް ހިފަހައްޓާފައެވެ.

މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓިއިރު މަޖްލިސްގެ އިދިކޮޅު ގިނަ މެމްބަރުން ޕޮލިހަށް ހާޒިރުކޮށް ދަނީ ބަޔާން ނަގަމުންނެވެ.