Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މަހްލޫފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މަހުލޫފު ގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ރޭ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

އެ އަމުރުގައި ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު މަހްލޫފްގެ ޕާސްޕޯޓް ހިފަހައްޓަނީ ރައްޔިތުންގެ މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތައް ފުލުހުން ތަހުޤީގު ކުރަމުން އަންނާތީ، މަހުލޫފު ފިލައިގެން ހިނގައި ދާނެތީ ކަމަށެވެ.

މަހުލޫފް ފިލައިގެން ގޮސްދާނެ ކަމުގެ ހެއްކަކަށް ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މަޢުލޫމާތު ހިމެނޭ ރިޕޯޓެކެވެ. އަދި އޭނާ ފިލައިގެން ދާން އުޅެނީ ސްރީލަންކާ އަށް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވާ ކަމަށް ކޯޓް އަމުރުގައި ވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ފޮޓޯއެއް ޕޯސްޓް ކުރަމުން މަހްލޫފު ޓްވިޓާގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ޕާސްޕޯޓް ހިފެހެއްޓިނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާކަށް ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ ރާއްޖޭގައި ހުރެގެން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ކަމަށެވެ.

މަހްލޫފު ވަނީ ފުލުހުންގެ ޒިންމާ އަދާކުރަން ދަތި ކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް ދާދިފަހުން ތަންފީޒްކޮށް ނިންމާފައެވެ.