Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފުލުހުން އަވަދިނެތި މެމްބަރުންގެ މައްސަލަ ތަހްގީގު ކުރުމުގައި!

ފާއިތުވި 10 ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްރަހްގައި ހިނގާފައިވާ ބޮޑެތި ކަންކަމަށް ބަލާއިރު ތޫނު ހަތިޔާރު ހިފައިގެން މާލޭގެ މަގުތަކުގައި ހިންގާ މާރާމާރީތަކުގައި ދެ ޒުވާނަކު ކަތިލައިފިއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ ބިރުވެރި ކަމުގައެވެ. ވަޅިއެއް ނުވަތަ ކަތިވަޅިއެއްގެ ހަމަލާއެއް ގެ ޝިކާރައަކަށް ނުވާނެ ކަމުގެ ޔަގީންކަމެއް މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް ނެތެވެ.

މި ބިރުވެރިކަމުގައި އުޅެމުންދާއިރު، ރައްޔިތުން ކުރާ ސުވާލަކީ މިއީ އެވެ. "ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ފުލުހުން ކޮބައި ހެއްޔެވެ؟"

އެއްބަޔަކު ދެކޭ ގޮތުގައި މި ސުވާލު ކުރުމަކީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމެވެ. ނުވަތަ ސަރުކާރަށް ސިޔާސީ ގޮތުން ދަތިކުރަން މަސައްކަތް ކުރުމެވެ. އެހެން ނަމަވެސް މި ސުވާލު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުފައްދަމުން ގެންދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އަކަ ކިލޯމީޓަރެއް ހަމަ ނުވާ މާލޭގެ މަގުމަތީގައި ފާޅުގައި ތޫނު ހަތިޔާރު ހިފައިގެން މާރާމާރީ ހިންގަމުން ގެންދާއިރު އެކަން ކުރަމުން ދަނީ ހަމަ އެއް ބަޔެކެވެ. އެއީ ކޮންބައެއް ކަން ރައްޔިތުންނަށް އެނގޭއިރު ފުލުހުންނަށް އެކަން ނޭނގޭނެ ހަމަ އެއްގޮތެއް ވެސް އޮވެގެން ނުވާނެއެެވެ. ނަމަވެސް މާލޭގައި މާރާމާރީތަކަށް ހުއްޓުމެއް ނެތެވެ.

2001 ވަނަ އަހަރުގެ ފެށިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު، ގިނައީ ގޭންގް މާރާމާރީ ތަކުގައި ތޫނު ހަތިޔާރުން ކަތިލި މީހުންނެވެ. އޭގެ ތެރޭގައި ވެސް ގޭންގް ތަކާއި އެއްވެސް ގުޅުމެއް ނެތް މީހުން ވެސް ހިމެނެއެވެ.

ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔަ ނަމަވެސް ފުލުހުންގެ މުއައްސަސާ ފެންނަނީ މުޅިން އެހެން ކަމެއްގައި "ބިޒީ" ބޯޑު އަޅުވައިގެން މަސައްކަތް ކުރާތަނެވެ. ރައްޔިތުންގެ މަޖިލިސް މެންބަރުން ފުލުފުލުގައި ފުލުހަށް ހާޒިރު ކޮށް ރެކޯޑު ހަދާތަނެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ފުލުހުންގެ މުއައްސަސާ އިން ސިޔާސީ މީހުންގެ މައްސަލަތައް މިހާ ގިނައިން އެއްފަހަރާ ބެލި ކަމެއް އެނގޭކަށް ނެތެވެ. ޔަގީންވާ ކަމަކީ މިއީ އެއްފަހަރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ މައްސަލަ ފުލުސް އޮފީހުން ބަލަމުން ގެންދާ ފުރަތަމަ ފަހަރު ކަމެވެ. މެންބަރުން ހާޒިރު ކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުން ނޫން ކަމެއް މިއަދު ފުލުހުންގެ މުއައްސަސާގެ މެންޑޭޓުގައި ނެތީތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދަނީ އެހެން ވެގެންނެވެ.

ގޭންގު މާރާމާރީ އާއި މީހުން މެރުން އާއްމުވެފައިވާ އިރު މިކަންކަމަށް ހައްލު ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑަށް އަދާކުރަން ޖެހޭ ބަޔަކީ ފުލުހުންނެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރުން މިކަމުގައި ކަންކުރާ އުސޫލު ބަލައި ސަރުކާރު ޖަވާބުދާރީ ކުރުން އެއީ މަޖިލީހުގެ ޒިންމާއެކެެވެ. ނަމަވެސް މަޖިލީހުގައި މިއަދު ވަނީ "ޑެޑްލޮކް" އަޅުވާފައެވެ.

ގޭންގް މާރާމާރީތައް އިތުރުވާ ފަހަރުތަކުގައި މީގެ ކުރިން ފުލުހުންގެ މުއައްސަސާއިން "ހުރިހާ ގަލެއް ފުރޮޅާ" އަދި "އެންމެ އިންޗިއެއް ފަހަތަށް ނުޖެހޭނެ" ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް މިފަހަރު މިފަދަ އެއްވެސް ވާހަކައެއް ފުލުހުންގެ ފަރާތުން އަޑެއް ނީވެއެވެ. ނޫސް ކޮންފަރެންސެއް ބޭއްވުމަށް ފަހު "ސަޅިބައިސާ ކަނޑާލާނެ" ވަގުތެއް ވެސް ފުލުހުންނަށް ނެތީ ކަމަށް ވެދާނެއެވެ. ކުރިކަމަކީ 23 މީހަކު ހައްޔަރު ކުރިކަމަށް ބުނެ ނޫސް ބަޔާނެއް ނެރެލީއެވެ. އެމީހުންގެ ތަހްގީގު ކުރިއަށްދާކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. ކުޑަ މިނުން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރިކަމެއްވެސް ނުވަތަ ނޫންކަމެއް ވެސް ނޭގެއެވެ.

ޤާނޫނީ ގޮތުން ފުލުހުންނާއި ހަވާލުކުރެވިފައިވާ މަސައްކަތަކީ ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ހުރަސް އެޅުމެއް ނޫނެވެ. އަދި ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވުމެއް ވެސް ނޫނެވެ.