ބާސެލޯނާގެ ތަރި ނޭމާ ކުލަބު ދޫކޮށް ގަރުނުގެ ޓްރާންސްފާގައި ޕީއެސްޖީއަށް ބަދަލުވާން އުޅޭތީ މެސީ އޭނާއަށް އަލްވަދާއުގެ މެސެޖެއް ފޮނުވައިފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް މެސީ ކުރި ޕޯސްޓެއްގައި ލިޔެފައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ނޭމާއާ އެއްކޮށް މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ އޭނާއަށް ލިބުނު އުފަލެއް ކަމުގައެވެ. އަދި މުސްތަގުބަލުގައިވެސް ނޭމާއަށް ކާމިޔާބު އެދޭ ކަމަށް ލިޔެ މެސީ ވަނީ ބާސާ ސަޕޯޓަރުން ރޮއްވާލާފައެވެ.
https://www.instagram.com/p/BXSt62SFYWj/?taken-by=leomessi
ނޭމާ ބާސާއާ ގުޅިފައިވަނީ 2013 ވަނަ އަހަރު ބްރެޒިލްގެ ސަންޓޮސް އިން 57 މިލިއަން ޔޫރޯއަށެވެ. ޖެހިގެން އައި އަހަރު ލިވަޕޫލްގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސާއާ ގުޅުމަށްފަހު މެސީއާއެކު ދެ ކުޅުންތެރިންވަނީ ފުޓުބޯޅައިގެ ދުނިޔޭގައި ވަރުގަދަ އެޓޭކެއް ގާއިމުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ބާސެލޯނާ ވަނީ އެސީޒަނުގައި ޗެމްޕިއަންސް ލީގާއި، ލީގުގެ އިތުރުން ކޮޕަ ޑެލްރޭ ކާމިޔާބުކޮށް "ޓްރެބެލް" ހޯދާފައެވެ. 4 އަހަރު ފަހުން ނޭމާ ކުލަބު ދޫކޮށް ދިއުމަށް ތައްޔާރުވަމުންދާއިރު ކުލަބުގެ ސަޕޯޓަރުން ވަނީ ހިތްދަތި ކަމާއެކު ނޭމާގެ ވަކިވެދިޔުން ބަލަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ނޭމާ ނޭމާ ގެންދިއުމަށް ފްރާންސުގެ ކުލަބު ޕީއެސްޖީ އިން ވަނީ ބާސާއަށް 195 މިލިއަން ޕައުންޑު ހުށައަޅާފައެވެ.