އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ހިތަދޫ މެދު ދާއިރާގެ މެންބަރ އިބްރާހިމްދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ވަކީލުންނާއެކު އަނެއްކާވެސް ހާޒިރުވާން ފުރުސަތު ދީފި އެވެ.
އިބްރާހިމްދީދީ އާއި އަސްލަމް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ، ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ތަމަޅަ ޓައިގަރުންގެ އަތުން ދިވެހި ޤައުމު ސަލާމަތް ކުރުމުގައި އިސްދައުރެއް އަދާކުރެއްވި، އިބްރާހިމްދީދީގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާތައް އުފުލުމާއި ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ ދަންޖެއްސިޔަސް ދާއިރާގެ ރައްޔިތުންނަށް ހަރާންކޯރު ނުވާނެ ކަމަށެވެ.