މާލޭގައި މިހާރު ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން 34 މީހަކު ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ފާއިތުވި 10 ދުވަހުގެ ތެރޭ ދެ ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި މިހާތަނަށް 23 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
އިތުރު 34 މީހަކު ހޯދަން ކޯޓު އަމުރު ނެރެފައިވާއިރު އެއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް ފުލުހުން ބުނީ އެފަރާތްތަކުގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެކަމަށެވެ.
މާރާމާރީ އާއި ގޭންގު ހަރަކާތްތައް އިތުރުވެ، އެކަން ނުހުއްޓުވޭތީ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކަމުގެ ސަބަބުން ފުލުހުންނަށާއި ހޯމް މިނިސްޓަރަށް ގިނަ ރައްޔިތުން ދަނީ ނުރުހުން އަމާޒު ކުރަމުންނެވެ.
މިއަހަރު މިހާތަނަށް އަނިޔާވެރި ގޮތަކަށް 4 މީހަކު މަރާލާފައިވާ އިރު 2001 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 60 މީހަކު ވަނީ ރަހުމް ކުޑަގޮތަކަށް މަރާލާފައެވެ.