ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު އަަވައްޓެރި ބައެއް ގައުމުތަކުގެ ފިއްތުމާއި ދަތިކުރުން އިންތިހާ އަށް ބޮޑުކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވައްޓެރި ބައެއް ގައުމުތަކުގެ ފިއްތުން އިންތިހާއަށް ބޮޑު ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން ރިޔާޒު ހާމަކޮށްފައި ނުވެ އެވެ.
ރިޔާޒު މިފައިދަ ޓްވީޓެއް ކުރެއްވި އިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް އާއި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އިކިލޭޝް މިޝްރާ އާއި އެކު ހުންނެވި ފޮޓޯއެއް ހިއްސާ ކުރައްވައި ސަފީރުން އިދިކޮޅު ފަރާތްތަކާއި އެކު ކުރަނީ ކޮން މަޝްވަރާއެއްތޯ ސުވާލު އުފައްދާފައެވެ.
Raajje Siyaasee gothun halabolivaa konme faharaku avahteri baeh Qaumuthakuge Fihthumaai dhathikurun inthihaabodu…!
— Riyaz Rasheed (@riyaz_rasheed) August 1, 2017
ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިވެފައިވާ އިރު އަވައްޓެރި އެއްވެސް ގައުމަކުން ސަރުކާރަށް ދަތި ކުރާކަން ރިޔާޒު ނޫން އެހެން ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައި ނުވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ ގޯހުން ގޯހަށް ކަންތައްތައް ދާއިރު ސަރަހައްދީ ބާރުތައް ހިމޭނުން ތިބޭތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން ރަތް ރޮނގުތައް ހުރަސްކޮށްފައި ވަޑައިގަންނަވާ އިރު ވެސް ސަރަހައްދީ ބާރުތަކުން ހިމޭނުން ތިބެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން ހަމަނުޖެހުން ބޮޑުވެ ކޮންޓްރޯލު ނުކުރެވޭ ހިސާބަށް ހިނގައިދާނެކަމަށެވެ.