Last Updated: June 22, 13:53
Monday, June 22, 2026
ކުޅިވަރު

ބޮލްޓް ހޯދަން ފުޓުބޯޅަ ކުލަބުތަކުން ފޫގަޅާފައި

ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓު ހޯދުމަށް 12 ފުޓުބޯޅަ ކުލަބަކުން ހުށައަޅާފައިވާ ކަމަށް ބޮލްޓުގެ އޭޖެންޓު ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ބޮލްޓް އޭނާގެ ދުވުމުގެ ކެރިއަރު ނިންމާލުމަށް ގަސްދުކޮށްފައިވާއިރު މިހަފްތާ ތެރޭ އޭނާގެ ފަހު ރޭހުގައި ދުވާނެއެވެ.

އޮލިމްޕިކް 8 ރަން މެޑަލް ހޯދާފައިވާ ބޮލްޓަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓުކުރާ ދުވުންތެރިޔެކެވެ. އޭނާ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން މެން ޔުނައިޓެޑަށް ކުޅުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ.

ބޮލްޓުގެ އޭޖެންޓު ބުނެފައިވަނީ ބޮލްޓު ހޯދަން ފުޓުބޯޅަ ކުލަބުތަކުން ހުށައަޅާފައިވަނީ ޓްރައިލްތަކެއްގެ ގޮތުގައެވެ. އެހެންކަމުން ވަގުތީ ކޮންޓްރެކްޓަކު އޭނާ ސޮއިކޮށްފިނަމަ އެކުލަބެއްގެ ކުޅުންތެރިންނާއެކު ޓްރެއިންކޮށް އޭނާގެ ހުނަރުތަކާއި ބޯޅަ ކުޅުމުގެ ގާބިލިއްޔަތު ކޯޗަށް ދަނެގަނެވި އިތުރު ޕްރޮފެޝަނަލް ކެރިއަރުގައި ފުރުސަތެއް ދިނުމަށް ފެނޭތޯ ބެލުމަށް ކުލަބުތަކުން ބޭނުންވެއެވެ.

ބޮލްޓުގެ އޭޖެންޓު ބުނެފައިވަނީ އޭނާގެ އުމުރާއި ތަޖުރިބާއަށް ބަލާފައި ޕްރިމިއާ ލީގު ކުލަބަކާއި ނުގުޅޭނެ ކަމަށެވެ. އަދި ޖަރުމަނު ވިލާތުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ދިއުމަށް ގަސްދުކޮށްފައިވާ ކަމަށާއި އެޓީމާއެކު ބޮލްޓް ޓްރެއިން ކުރާނެ ކަމަށް އޭޖެންޓު ސިމްސް ބުނެފައިވެއެވެ.