Last Updated: June 9, 18:15
Tuesday, June 9, 2026
ރިޕޯޓް

ވަކިވަކި ސިފައިންގެ މައްޗަށް ޖިނާއީ ދަޢުވާ ކުރެވޭނެ!

ސިޔާސީ މީހުން ބައެއް ފަހަރަށް ހަގީގަތާއި ޚިލާފަށް ވެސް ވާހަކަ ދައްކަވައެވެ. ތާކުން ތާކު ނުޖެހޭ ވާހަކަ ވެސް ދައްކަވާފައި އެބަހުރިއެވެ. އެހެން ނަމަވެސް ބަޔަކަށް އޮޅުވާލުމަށް ދައުލަތުގެ ވަޒީރަކު މިފަދަ ވާހަކަ އެއް ވިދާޅުވި ކަމެއް ނޭނގެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފުގެ ވާހަކައެވެ. ދާދި ފަހުން ސިފައިންގެ އެސްޕީޖީ އިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝަރީފު ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު ސިފައިންނަށް އޮޅުވާލުމަށް މަސައްކަތް ކުރައްވާފައެވެ.

މިނިސްޓަރ ސިފައިންނަށް ދެއްވި "ޔަޤީން" ކަމަކީ، ސިފައިން ކުރާ ޢަމަލުތަކުގެ ސަބަބުން ވަކި ވަކި ސިފައިންގެ މައްޗަށް ދައުވާ ނުކުރެވޭނެ ވާހަކައެވެ. އެ ޔަޤީންކަން މިނިސްޓަރު ދެއްވާފައި ވަނީ ގަސްތުގައި ސިފައިންނަށް އޮޅުވާލެއްވުމުގެ މަޤްސަދުގައި ކަމަށް ބެލެވެއެވެ. ސަބަބަކީ މީގެ ކުރިން ސިފައިންގެ ވަޒީފާގައި ތިބި އެތައް ބައެއްގެ މައްޗަށް ދައުވާ ކުރެވިފައިވާ ކަން ޚުދު މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ ތީއެވެ.

ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް އެމީހުން ކުރާ ކުށްތަކަށް ޚާއްސަ "ޢަފުޢާމެއް" ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ. އެފަދަ އިންތިޒާމެއް ހަމަޖެއްސުމަކީ ޤާނޫނީ ގޮތުން މިނިސްޓަރަށް ވެސް ކުރެއްވޭނެ ކަމެއް ނޫނެވެ.

ސިފައިންގެ މައްސަލައެއް ޕްރޮސިކިއުޓަރުންނާއި ހަމައަށް ވެސް ނުދާނެ ކަމުގެ "ޔަޤީން" ކަން ވެސް މިނިސްޓަރ ވަނީ ދެއްވައިފައެވެ. ފާޅުގައި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބާރު ފޯރުވާނެ ކަމަށް އިޢުތިރާފްވެ ވަޑައިގެންނެވީއެވެ.

މިނިސްޓަރ އާދަމް ޝަރީފް ކިތަންމެ މަސައްކަތްޕުޅެއް ކުރެއްވި ނަމަވެސް ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ. ސިފައިންގެ ވަޒީފާގައި ތިބެގެން ކޮށްފައިވާ އަމަލުތަކާއި ގުޅިގެން އެތައް ސިފައިންނަކަށް ވަނީ ދައުވާކޮށްފައެވެ.

ސަންދާނު ލުޠުފީ ސްރީލަންކާގައި ފިލުވައިދިން ކަމުގެ ތުހުމަތުގައި، އޭރު ސިފައިންގެ ތެރޭގައި އުޅުއްވި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމުގައި ހުރި މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މާފުށީ ޖަލުގައި 2004 ގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައި ޖަލުގައި ބަޑިޖެހި ސިފައިންނާއި ޖަލު ބަލަހައްޓަން ތިބި މީހުންގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އަދި ހަމަ އެހެންމެ ޖަލުގައި އީވާން ނަސީމް މަރާލުމުގައި ބައިވެރިވި ސިފައިންގެ މައްޗަށް ދައުވާ އުފުލައި އެމީހުންގެ މައްޗަށް ދައުވާ ސާބިތު ވެސް ވިއެވެ.

މީގެ އިތުރުން ފުލުހުންގެ ބަންދުގައި ހުއްޓައި ސ.ހިތަދޫ ނާޒުކީގޭ ޙުސައިން ޞަލާޙް އަށް އަނިޔާކުރި ފުލުހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
މީގެ އިތުރުން ދާދި 2015 ވަނަ އަހަރު ރިޔާސީ ލޯންޗްކޮޅު ގޮއްވާލި ހާދިސާ އަށް ފަހު އެ ލޯންޗަށް، އޭރު މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ގެ އޯޑަރަށް އެ ލޯންޗަށް އެރި ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ ކޮށްފައެވެ. އެ ދައުވާ އެމީހުންގެ މައްޗަށް ސާބިތުވެސް ވިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ސިފައިންނަށް އޮޅުވާލަން މަސައްކަތް ކުރެއްވި ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމު އޮތް ގޮތުން ސިފައިން އަދި ފުލުހުން ވެސް ކުރާ ކުށްތަކަށް އެމީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމެވެ.

ސިޔާސީ ބާރުވެރިކަމަށް ޓަކައި ސިފައިން "މޮޔަ" ހައްދަން ކުށެއް ކުރިއަސް ދައުވާނުކުރެވޭނެ އޭ ވިދާޅުވެގެން ސިފައިންނަށް ހަގީގަތް އޮޅުވާލެވޭ ވަރަށް ވުރެ ހާމައަށް ފެންނާށެވެ.