އެކި މައްސަލަތަކުގައި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިއްބަވާ މަޖްލިސް މެމްބަރުން މަޖްލިސްގެ ޖަލްސާތަކަށް ހާޒިރުކޮށްދޭން ނުޖެހޭކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގަށް ބަންދުކޮށްފައި ތިބޭ މެމްބަރުންނާއި ބަންދުގައި ތިބޭ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވަނީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ކަމަށެވެ. ނަމަވެސް އެ ގާނޫނުގައި އެގޮތަށް ކަނޑައަޅާފައިވާ މާއްދާ ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވާ ކަމަށެވެ.
ކަރެކްޝަންއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިދިޔަ ހޯމަ ދުވަހު ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހުށަހެޅިފައިވާ ޝަހުސު އޮޅުވާލުމުގެ ޝަރީއަތުގެ މަޖްލިސް ވަކި ހިސާބަކުން ފާރިސް މަޖްލިސްގެ ޖަލްސާއަށް ހާޒިރުވާން ޖެހޭކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލުން އެދުމާއި ގުޅިގެން ޝަރީއަތް މެދުކަނޑާލި ނަމަވެސް ޖަލްސާއަށް ފާރިސް ހާޒިރުކޮށް ނުދިނުމާއި ގުޅިގެން އެމަނިކުފާންގެ ގާނޫނީ ވަކީލުންގެ ފާޑު ކިއުން ކަރެކްޝަންސްއަށް އަމާޒު ވުމާއި ގުޅިގެންނެވެ.
ކަރެކްޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މީޑިއާތަކުގައި ގާނޫނީ ވަކީލުން މައުލޫމާތު ނުފެތުުރުމަށް އިލްތިމާސް ކުރާކަމަށެވެ.