އަސްކަރިއްޔާ އިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ޤައުމުގެ ސިޔާސީ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކުގެ ރިވިއު މީޑިއާ ތަކާއި ހިއްސާކުރުމަށް މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު ވެރިކަމުގެ ދައުރުގެ ފަހު ކޮޅަށް ދާއިރު ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމަކީ "ސިޔާސީ ތޮބީއަތުގައި ހިމެނިފައިވާ ކަމެއް" ކަމަށެވެ.
އެހެން ކަމުން ސިފައިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ އެކަމަށް ފަރުވާތެރިވެ ގައުމުގެ ސިޔާސީ މަސައްލަހަތު ހިފެހެއްޓުމަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ތެރޭގައި ސިފައިން ކުރި އިޖްތިމާޢީ ޚިދުމަތްތަކާޢި ބެހޭ މައުލޫމާތު ހިއްސާކުރި މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވަނީ ސިފައިންނަކީ ގައުމު އާރާސްތު ކުރުމުގައި ތާރީހީ ގޮތުން ބަލާއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބައެއް ކަން ފާހަގަ ކުރައްވާފައެވެ.