ބާސެލޯނާގެ ފޯވާޑް ނޭމާ ޖޫނިއާއަށް ފްރާންސުގެ ޕީއެސްޖީ އިން ހުށައެޅި 222 މިލިއަން ޔޫރޯގެ ފައިސާ ސްޕެނިޝް ލީގުން ގަބޫލުނުކޮށް އަނބުރާ ފޮނުވާލައިފިއެވެ.
ލަލީގާގެ ރައީސް ހާވިއާ ޓެބަސް ބުނެފައިވަނީ ނޭމާގެ ވަކީލުން ލަލީގާ އޮފީހަށް މިއަދު ހެނދުނު އައި ކަމަށާއި ނަމަވެސް ފައިސާ ގަބޫލުނުކޮށް އަނބުރާ ފޮނުވާލާފައިވާކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިމައްސަލައާ ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ލަލީގާއިން ނޭމާގެ ފައިސާ އަނބުރާ ފޮނުވާލާފައިވަނީ ފެއާ ޕްލޭގެ މިންގަނޑާ ހިލާފުވެ، ސްޕެއިންގެ އެހެން ކުލަބުތައް ރައްކާތެރިކުރުމަށެވެ.
ނޭމާއަށް ޕީއެސްޖީން ވަނީ 222 މިލިއަން ޔޫރޯ ހުށައަޅާފައެވެ. އަދި ނޭމާގެ މުސާރައާއި އެހެން ޚަރަދުތައް އެއް ކުރުމުން މި ޓްރާންސްފާގެ ޖުމުލަ އަގު 450 މިލިއަން ޕައުންޑަށް އަރައެވެ.
ނޭމާގެ ވަކީލުންގެ ފައިސާ ގަބޫލުނުކުރުމުގެ ބާރު ލީގާއަށް ލިބިފައި އޮތް ނަމަވެސް ނޭމާ އަމިއްލައަށް ފައިސާ ހިފައިގެން ދިއުމުން އެފައިސާ ގަބޫލުކުރުން ނޫން ގޮތެއް ލީގާއަކަށް ލިބިފައެއް ނުވެއެވެ. ބާސާ ދޫކޮށް ދިއުމަށް ބޭނުން ވެފައިވާ ނޭމާ އޭނާގެ ޓްރާންސްފާ ފުރިހަމަ ކުރުމަށް އަމިއްލައަށް ފައިސާ ހިފައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.