Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މާލޭގެ ގެޔަކުން ތޫނު ހަތިޔާރުތަކެއް ހޯދައިފި

ތޫނު ހަތިޔާރުތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި މާލޭގެ ގެޔަކުން ފުލުހުން ހޯދައިފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވަނީ މިއަދު މާލޭގެ ގެއެއް ބަލައިފާސްކޮށް ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަކެތި ހޯދާފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ކަތިވަޅި، ކޯރާޑި އަދި ވަޅި ހިމެނެ އެވެ. އެހެންނަމަވެސް އެ ތަކެތި ހޯދީ މާލޭގެ ކޮން ގެއަކުން ކަމެއް ފުލުހުން ހާމަ ނުކުރެއެވެ.

އެ މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރު ކޮށްފައި ނުވެއެވެ.

މާލޭގައި މި ފަހަކަށް އައިސް ތޫނު އެއްޗެހިން ހަމަލާދީ ގިނަ މާރާމާރީތަކެއް ވަނީ ހިންގާފަ އެވެ. ދާދި ފަހުން ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކު ވަނީ މަރާލާފަ އެވެ. އަދި އެ މައްސަލަތަކާއި ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ވަރަށް ހަލުވިކަމާއި އެކު ކުރަމުންނެވެ.