Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ފާރިސް ބަންދުން ދޫކޮށް ދޭން އެދިއްޖެ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. ފޮޓޯ: ވީނިއުސް

ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން އެދިވަޑައިގެންފި އެވެ.

އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ފާރިސްގ ފަރާތުން އިސްތިއުނާފް ކުރުމުން، މިއަދު ހައި ކޯޓް ގައި ބޭއްވި އަޑުއެހުމުގައި ފާރިސްގެ ޤާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވަނީ ފާރިސް ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ކަމަށާއި، ފާރިސް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި އޮތީވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

ޝަމީލް ވަނީ ޝަރީއަތުގައި، އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހުގައި އޮތްވައި މެމްބަރަކު ހައްޔަރު ކުރުމަކީ މަޖިލީހުގެ ޤަވާއިދާއި ޚިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ޝަމީލް އާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި އެ މައްސަލައާއި މެދު ހައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްދިނުމުގެ އަމުރަކަށް ވަނީ އެދިފައި ކަމަށާއި، އެކަމާއި މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެ އެވެ. މިއަދު އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ.