Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

"މިރައީސް މަރުގެ ހުކުމް ތަންފީޒު ކުރާނެ"

ދިވެހި ރާއްޖޭގައި ރަޙުމު ކުޑަ އަމަލުތަކަށް ޖާގަ ނުދޭނެ ކަމަށާއި މަރުގެ ހުކުމް ވަރަށް އަވަހަށް ތަންފީޒު ކުރާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިރޭ ހުޅުމާލޭގައި އޮތް ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މާލޭގައި ހިނގާދިޔަ މާރާމާރީތަކަށް އަލިއަޅުވާލައި ވިދާޅުވެފައިވަނީ ބައެއް ލީޑަރުން މި ރައީސް މަރުގެ ހުކުމް ތަންފީޒު ނުކުރައްވާނެ ކަމަށް ވިދާޅުވާ ކަމަށާއި އެހެންނަމަވެސް ﷲ ޒައާމަތުގައި ބަހައްޓަވައިފިނަމަ މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.

""މިއަދު ވެސް މި ރަހުމުކުޑަ އަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑު ސާފު ބަހުން ދަންނަވަން ބޭނުން ވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޒައާމަތު ﷲ ދަމަހައްޓަވާ ކަމަށްވާނަމަ މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ، މިކަމާ ދޭތެރޭ އެއްވެސް މީހަކު ސުވާލު ނުއުފައްދާ"

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އަޒްލީންވެސް ވަނީ ސަރުކާރުން ވަރަށް އަވަހަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ހިނގި ދެމާރާމާރީއެއްގައި ދެ ޒުވާނަކު ވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. މާރާމާރީތަކާއި ގުޅިގެން ފުލުހުން 34 މީހަކު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު 23 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.