މިވަގުތު ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސް ޔާމީނާއެކު ބައިވެރިވެ އެހީތެރިވެވަޑައިގަތުމަށް އިދިކޮޅު ހަތަރު ލީޑަރުންނަށް އެމަނިކުފާނު ގޮވާލައިފިއެވެ.
ރޭ ހުޅުމާލޭގައި އަލަށް ހުޅުވި ޕާކާއި އިޖުތިމާއީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވެފައިވަނީ ވެރިކަމާއި ތޮޅުން މިވަގުތަށް ދޫކޮށްލެއްވުމަށްފަހު ގައުމު ހަމަ މަގަށް އެޅުވުމުގައި އެހީތެރިވެވަޑައިގެންނެވުމަށާއި އޭރުން އެމްއެމްޕީއާރުސީ މައްސަލަ ހައްލު ކުރެވުނު ގޮތަށް މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.
"އެ ކަންކަން ހައްލުކޮށްދެއްވާ. ދާދިފަހުން މި ދިމާވި ރިޝްވަތުގެ މައްސަލަތައް އެކުގައި ހައްލުކުރަން ހިނގާ. އޭރުން އެމްއެމްޕީއާރުސީގެ މައްސަލަ ހައްލުވާ ގޮތަށް ދެން ހުރި މައްސަލަތައް ވެސް ހައްލުވާނެ،"
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކުރަމުންދާ ތަރައްގީގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށާއި އެއްވެސް ލީޑަރަކު ގައުމުދެކެ ލޯބިވާ ކަމަށްވާނަމަ ގައުމުގެ ދަރީންނަށް ވަޒީފާގެ ފުރުސަތު ލިބުމަށް ހުރަސް ނާޅާނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ގޮވާލާފައިވެއެވެ.
ސިޔާސީ ގޮތުން ތަޅާ ފޮޅާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވުމުން ކަމަށާއި މިވަގުތަށް އެކަން މަޑުޖައްސާލެއްވުމަށް ރައީސް ޔާމީން ވަނީ އިދިކޮޅު ހަތަރު ލީޑަރުންނަށް ގޮވާލާފައެވެ.