Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ނޭމާ ޕީއެސްޖީ އަށް ސޮއިކޮށްފި

ގަރުނުގެ ބޮޑު ޓްރާންސްފާގެ ގޮތުގައި ބާސެލޯނާގެ ތަރި ނޭމާ ފްރާންސުގެ ޕީއެސްޖީއަށް ސޮއިކޮށްފި އެވެ.

ޕީއެސްޖީން ނޭމާ އެކުލަބަށް ގެނެސްފައިވަނީ 222 މިލިއަން ޔޫރޯއަށެވެ. ނޭމާގެ ޓްރާންސްފާއާއެކު މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ޕޮގްބާ ގެނައުމަށް ހެދި ރެކޯޑު ވަނީ އޭނާއަށް ލިބިފައެވެ.

ޕޮގްބާ ޔުނައިޓެޑަށް ގެނެސްފައިވަނީ 89 މިލިއަން ޕައުންޑަށެވެ. އެއީ 100 މިލިއަން ޔޫރޯއެވެ.

ނޭމާ ބާސެލޯނާ ދޫކޮށްލުމަށްފަހު ސަޕޯޓަރުންނަށް އަލްވަދާއު ކިޔަމުން ބުނެފައިވަނީ އޭނާ ބާސާގައި ހޭދަކުރި ދުވަސްތަކަކީ ހަނދާނުން ނުފިލާނެ ދުވަސްތަކެއް ކަމަށާއި ބާސާއަށް އަބަދުވެސް ޚާއްސަ ލޯތްބެއް އޮންނާނެ ކަމަށެވެ. ނަމަވެސް އޭނާގެ ކެރިއަރުގައި އާ ޗެލެންޖުތަކެއް ބޭނުން ކަމަށާއި އެހެންކަމުން ޕީއެސްޖީއަށް ގޮސް އެކުލަބުން ހޯދަމުންދާ ޓްރޮފީ ހޯދުމަކީ އޭނާގެ އަމާޒުކަމަށެވެ.

ނޭމާގެ ވަކިވެދިއުމާއެކު ބާސާ ސަޕޯޓަރުން ދެބައި ވެފައިވާއިރު އެއް ބަޔަކު ވަނީ ނޭމާގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނޭމާ ދިޔައީ ލާރިއަށް ކަމަށްބުނެ ބައެއް ސަޕޯޓަރުން ނޭމާގެ ޖާޒީ ހުޅުޖަހަމުންދާއިރު އަނެއް ސަޕޯޓަރުން އަންނަނީ ނޭމާގެ މުސްތަގުބަލު އުޖާލާވުމަށް އެދެމުންނެވެ.