މަރަށް މަރު ހިފައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ރާއްޖެއިން ފަހަތަށް އަޅާނެ ފިޔަވަޅެއް ކަމަށާއި އެކަން ނުކުރުމަށް އ.ދ އިން ރާއްޖެއަށް ގޮވާލައިފި އެވެ.
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އެނިސް ކަލަމާޑް މިމައްސަލައާ ގުޅިގެން ބުނެފައިވަނީ ތިން މީހެއްގެ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވާ ކަމަށާއި އެއީ ބައިނަލް އަގުވާމީ މުއާހަދާތަކާއި ޚިލާފު ކަމެއް ކަމަށެވެ. އަދި އެކަން ހުއްޓާލުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
ރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގެ ވާހަކަ ވަރަށް ބާރަށް ދެކެވޭ މި ދަނޑިވަޅުގައި އެކަން ކުރަން ނިންމި ސަބަބު އޮޅުން ފިލުވުމަށް ކަލަމާޑް ވަނީ ހޯމް މިނިސްޓްރީގައި އެދިފައެވެ.
ފާއިތުވެދިޔަ ހަފްތާ ތެރޭގައި ހިނގި ދެ މާރާމާރީއެއްގައި ޒުވާން ދެ ފިރިހެނުން މަރުވެފައިވާއިރު ހޯމް މިނިސްޓަރު ވަނީ އެމަނިކުފާނު ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވަރަށް އަވަހަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރޭ ރައީސް ޔާމީންވެސް ވަނީ މި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.