ގައުމީ އެއާލައިން މޯލްޑިވިއަން އިން ދެކުނު އެފްރިކާއަށް ދަތުރުތައް ފެށުމަށް ވިސްނަމުން އަންނަ ކަމަށް ހާމަކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ދެކުނު އެފްރިކާގެ ޖޮހޭނަސްބަރގްއަށް ދަތުރު ފެށުމަށް މޯލްޑިވިއަންގެ ރީސާޗް ޓީމެއް މިހާރު ވަނީ އެގައުމަށް ގޮސްފައެވެ. ދަތުރު ފެށުމުގެ ކުރިން މާކެޓު ދިރާސާ ކުރުމާއި އެހެނިހެން މައުލޫމާތު އެއް ކުރަން ޓީމުން ވަނީ ފަށާފައެވެ.
ނަމަވެސް އަދި ދަތުރުތައް ފެށުމަށް ނިންމާފައިނުވާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފައިވެއެވެ. ނަމަވެސް ދެކުނު އެފްރިކާއަށް ދަތުރު ކުރުމަށް ނިންމައިފިނަމަ ފަސް މަސް ދުވަސް ތެރޭ ދަތުރުތައް ފަށާނެ ކަމަށް ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
މޯލްޑިވިއަން އިން ބޭރުގެ ހަތަރު ގައުމަކަށް މިހާރުވެސް ދަތުރު ކުރަމުން އަންނައިރު ދެކުނު އެފްރިކާއަށް ދަތުރު ފަށައިފިނަމަ އެފްރިކާ ވާނީ މޯލްޑިވިއަން އިން ދަތުރުކުރާ އެންމެ ދުރު މަންޒިލަށެވެ. މިހާރު މޯލްޑިވިއަން އިން ދަތުރުކުރަނީ ޗައިނާއަށާއި ބަންގާޅު، އިންޑިއާ އަދި ތައިލޭންޑަށެވެ.