Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަސްކަރިއްޔާއިން ސިޔާސީ މަސްލަހަތު ހިފަހައްޓާނެ: ޝަރީފް

ރާއްޖޭގެ ވެރިކަމުގެ ނިޒާމްގައި ދައުރުގެ ފަހުކޮޅު ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމަކީ އާކަމެއް ނޫންކަމަށާއި އެކަންކަމަށް ދިވެހި އަސްކަރިއްޔާއިން ކުރަން ޖެހޭ މަސައްކަތް ކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިޖުތިމާޢީ ޙަރަކާތްތަކުގެ އުސްއަލިތައް ހިއްޞާކުރުމަށް ކޯސްޓްގާރޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ދިވެހި ސިފައިންނާއެކު ދެމިހުންނަވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހް ކިތަންމެ ހަލަބޮލިވި ނަމަވެސް ސިފައިން ދެމިތިބޭނީ ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި ކަމަށެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ފުލުހުންނާއެކު ގައުމުގެ ޞުލްހަ މަސަލަސްކަން ޤާއިމް ކުރުމުގައިވެސް ސިފައިން ދެމި ތިބޭނެކަމަށެވެ.

ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާ އިރު ދާދި ފަހުން ސިފައިންގެ އެެސްޕީޖީން ތަކަކާއި އެކު ބޭއްވި ބައްދަލުވުމެއްގެ ރެކޯޑިންއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ އޯޑިއޯ އާއި ގުޅިގެން މިނިސްޓަރގެ އިސްތިއުފާއަށް އިދިކޮޅުފަރާތްތަކުން ދަނީ ގޮވަމުންނެވެ.