ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕީއެސްޖީގެ ފޯވާޑް ނޭމާ ބާސާ ދޫކޮށް ދިޔައީ ލާރިއަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ ދެރަވާ ކަމަށް ނޭމާ ބުނެފިއެވެ.
ޕީއެސްޖީއަށް ސޮއިކުރުމަށްފަހު ނޭމާ ބުނެފައިވަނީ އޭނާގެ ނިންމުމަކީ ލާރިއާ ގުޅުންހުރި ނިންމުމެއް ނޫން ކަމަށެވެ. ބާސާ ދޫކޮށްދާން ގަސްދުކުރީ ތަފާތު ޗެލެންޖުތައް ބޭނުން ވާތީކަމަށް ނޭމާ ވަނީ ބުނެފައެވެ.
ބާސާގައި ހޭދަކުރި ދުވަސްކޮޅުގައި ފުޓުބޯޅަ ކުލަބަކަށް ލިބެން ޖެހޭ ހުރިހާ ކާމިޔާބީއެއް ވަނީ ލިބިފައި ކަމަށާއި އޭނާ މިހާރު އުއްމީދު ކުރަނީ ޕީއެސްޖީއަށް ނުލިބޭ ތަށިތައް ގެނައުމަށް ކަމަށެވެ.
ޕީއެސްޖީ އިން ނޭމާ ގެނައުމަށް 198 މިލިއަން ޕައުންޑު ހޭދަކޮށްފައިވާއިރު ނޭމާގެ މުސާރައަށް ކޮންމެ ހަފްތާއަކު 520،000 ޕައުންޑު ކުލަބުން ވަނީ ހުށައަޅާފައެވެ.
ނޭމާއަށް ކުރި ޚަރަދު 450 މިލިއަން ޕައުންޑަށް އަރާފައިވާއިރު ދުނިޔޭގެ ގިނަ ކުލަބުތަކާއި މީޑިޔާތައް ތިބީ ޕީއެސްޖީގެ ޚަރަދުތައް ފެނިފައި އާޝޯހުވެފައެވެ. ފީފާ ފެއާޕްލޭ ގަވާއިދުތަކާއި ޚިލާފު ނުވާނެތޯ ސުވާލު އުފައްދަމުން އަންނައިރު ޕީއެސްޖީގެ ޗެއާމަން ބުނެފައިވަނީ ނޭމާ ގަތުމުގެ ސަބަބުން ކުލަބުގެ އަގު ވަނީ 500 މިލިއަން ޕައުންޑަށް އަރާފައި ކަމަށެވެ. އަދި ނޭމާ އައުމުން ކުލަބަށް ވަންނަ ލާރި އިތުރު ވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އަރުވާފައެވެ.