ފެނަކަ ކޯޕަރޭޝަނުގެ ފޭދޫ ބްރާންޗުގައި މަސައްކަތް ކުރަމުން އައި ސ. ފޭދޫ ފަޅޯމާގެ، ހުސެއިން އާސިރު ކުއްލި ގޮތަކަށް ހދ. ކުރިނބީ ފެނަކަ ބްރާންޗަށް ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހދ. އަތޮޅުގެ ދާއިރާއަކަަށް ބަދަލުކޮށްދިނުމަށާއި ރައީސް ޒިމްބާބްވޭގެ ރައީސްއަކަށް ބަދަކުކޮށްދިނުމަށް އާސިރު އެދެފިއެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އާސިރަށް ތިން ދުވަހުގެ މުހުލަތެއް ދިނުމަށްފަހު ކުރިނބީ އޮފީހަށް މަސައްކަތަށް ނިކުތުމަށް އަންގާފައިވާއިރު އާސިރު ވަނީ އޭނާއަށް ކުރިމަތިވެފައިވާ ދަތިތަކާއި ޝަރުތުތައް ބަޔާންކުރުމަށްފަހު ފެނަކައިގެ އެމްޑީ ޝަރީފަށް ސިޓީއެއް ފޮނުވާފައެވެ.
ސިޓީގައި ކުރިނބީ ބްރާންޗަށް ބަދަލުކުރިކަން އެންގި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ކުރިނބީއަށް ފުރާ ދޯންޏަކާ ދިމާވެފައިނުވާ ކަމަށާއި އަމިއްލައަށް ކުރިނބީއަށް ދަތުރުފަތުރު ހަމަޖެއްސުމުގެ ތަނަވަސްކަމެއް ލިބިފައިނުވާކަން އާސިރު ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޝަރީފަށް ފޮނުވި ސިޓީގައި އާސިރުވަނީ އޭނާ ކުރިނބީއަށް އެއްވެސް ސަބަބަކާ ނުލާ ބަދަލުކުރި ފަދައިން ފޭދޫ ދާއިރާގެ މެމްބަރު އައިބީވެސް މަޖިލިސް މެދުވެރިކޮށް ހދ. އަތޮޅުގެ ދާއިރާއަކަށް ބަދަލުކޮށްދިނުމަށާއި ރައީސް ޔާމީން ޒިމްބާބްވޭގެ ރައީސް ކަމަށް ބަދަލުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
އާސިރުގެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާއިރު އޭނާ ވަނީ އައްޑޫން ކުރިނބީއަށް ފުރާ ދޯންޏަކާ ދިމާވުމުން އެރަށަށް ފުރާނެ ކަމުގެ ޔަގީންކަން ޝަރީފަށް އަރުވާފައެވެ. އަދި މިމުއްދަތުގައި ވަޒީފާއަށް ހާޒިރުނުވެވި ހުރި ދުވަސްތައް އަހަރީ ޗުއްޓީގެ ދުވަަސްތަކުގެ ގޮތުގައި ހަމަޖައްސައި ދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.
އާސިރު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ކެންޑިޑޭޓު ނުހޮވި ފެއިލްވި ދުވަހުން ފެށިގެން އޭނާއަށާއި ސަރުކާރު ވަޒީފާ އަދާކުރަމުންދާ އެހެން ބައެއް ޕީޕީއެމް އެކްޓިވިސްޓުނަށް ވަޒީފާގެ ބިރު ދެއްކުމާއި ތަފާތު ގޮންޖެހުންތަކާއި ނުފޫޒު ފޯރުވުމުގެ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.