Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ގާސިމް ހިތުގެ އޮޕަރޭޝަނަކަށް އައިޖީއެމްއެޗުން ލަފާ ދީފި

ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ކޮންމެހެންވެސް ރާއްޖޭން ބޭރަށް ދިއުމަށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްއަށް އައިޖީއެމްއެޗްއިން ލަފާދީފިއެވެ.

ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ ގާސިމް ވީއެންމެ އަވަހަކަށް އީ.ޕީ.އޭ އާއި އާރު.އެފް.ޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް އައިޖީއެމްއެޗްއިން ލަފާދީފައިވާކަމަށް ގާސިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

ގާސިމް އޮޕަރޭޝަނަކަށް ރާއްޖޭން ބޭރަށް ދާން ޖެހޭކަމަށް ލަފާދީފައިވާ އިރު މީގެ ކުރިން ބަލި ހާލުބޮޑުވެ އޭޑީކޭގައި އެޑްމިޓް ކުރުމުން އިތުރު ސްކޭނެއް ހެދުމަށް ރާއްޖޭން ބޭރަށް ދިއުމަށް އޭރުވެސް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ގާސިމްގެ މައްޗަށް 3 ތުހުމަތެއްގައި ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގެ ދައުވާ އާއި ގުޅިގެން ހެކިން ހުށަހެޅުމަށް ގާސިމް އާއި ދައުލަތަށްވަނީ ކޯޓުން ފުރުސަތު އަރުވާފައެވެ.