ރޭ ކ. މާފުށީގައި ވަޅި ހަރައި ޒަޚަމްކޮށްލި ފުލުސް މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހުއްޓުވަން މާފުށީ ފުލުހުންގެ ތެރެއިން އޮފިސަރަކަށް ހަމަލާދީފައިވަނީ ފުލުހުންނަށް ފިލަން ލޯންޗުން ފުންމާލި މީހަކު ރަށަށް އަރަން އުޅެނިކޮށް އޭނާ ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ.
ޒަޚަމްވި ފުލުސް ކޮންސްޓެބްލް އަލީ ރައްޒާން ވަނީ ރޭ ކަރެކްޝަންސް އަދި ފުލުހުން ގުޅިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައެވެ.
އައިޖީއެމްއެޗް އިން މައުލޫމާތު ދީފައިވާ ގޮތުގައި ރައްޒާންގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. ސާޖަރީއެއް ހެދުމަށްފަހު ރައްޒާން މިހާރު ވަނީ އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައެވެ.
ރައްޒާނަށް ހަމަލާދިން މީހާއާ އިތުރު ތިން މީހަކު ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފައެވެ.