Last Updated: April 19, 10:13
Friday, April 19, 2024
ޚަބަރު

އެންމެ އުފާވި އެއް ދުވަހަކީ ހަރަމްފުޅަށް ދެވުނު ދުވަސް: ޕޮގްބާ

ޕޮގްބާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް އުފަލަކީ މިދިޔަ ރަމަޟާން މަހު މައްކާގެ ޙަރަމް ފުޅަށް ދެވުން ކަމަށް އޭނާ ބުނެފިއެވެ.

ޓުވީޓާގައި ސަޕޯޓަރުންނާއެކު ސުވާލާއި ޖަވާބު ފޯރަމެއް ހެދުމަށްފަހު ސަޕޯޓަރަކު ކުރި ސުވާލަށް ޖަވާބު ދެމުން ޕޮގްބާ ބުނެފައިވަނީ މައްކާއަށް ގޮސް ޙަރަމްފުޅަށް ވަދެވުމުން ލިބުނީ ޚާއްސަ އުފަލެއް ކަމަށެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ޕޮގްބާއަކީ ފްރާންސުގެ މުސްލިމް އާއިލާއަކަށް ބޮޑުވި ޒުވާނެކެވެ. ޕޮގްބާ ބުނެފައިވަނީ އޭނާ މުސްލިމަކަށް ވީތީ ފަޚުރުވެރިވާ ކަމަށާއި މުޅި ހަޔާތް ބިނާކޮށް ދިރިއުޅެމުންދަނީ އިސްލާމް ދީނުގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

މެޗު ފެށުމުގެ ކުރިން އެއްވެސް ކަމެއް ކުރޭތޯ ސަޕޯޓަރަކު ސުވާލުކުރުމުން ޕޮގްބާ ބުނެފައިވަނީ ކޮންމެ މެޗެއް ފެށުމުގެ ކުރިންވެސް ދުޢާ ކުރާ ކަމަށެވެ. އަދި އެނޫން އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށް ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ ވަނީ ބުނެފައެވެ.

ޔުވެންޓަސް އިން އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ސީޒަން ފެށުމުގެ ކުރިން ބަދަލުވި ޕޮގްބާ ވަނީ ދުނިޔޭގެ ޓްރާންސްފާ ފީގެ ރެކޯޑު ހަދާފައެވެ. ދާދި ފަހުން ބާސެލޯނާގެ ތަރި ނޭމާ ގެނައުމަށް ޕީއެސްޖީން ހުށައެޅި ފީއިން ޕޮގްބާ ވަނީ ލިސްޓުގެ ދެވަނައަށް ޖެހިފައެވެ. އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަގާމު ގެއްލުމުން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ޕޮގްބާ ބުނެފައިވަނީ އެއީ އޭނާއަށް ލިބޭ ފަޚުރެއް ނޫން ކަމަށާއި ވިސްނާ ކަމެއްވެސް ނޫން ކަމަށެވެ.