Last Updated: June 22, 20:19
Monday, June 22, 2026
ރިޕޯޓް

އަނަސް މަރާ އެކު މުޅި މީދޫ ރޮއްވާލައިފި، އިންސާފު ހޯދައިދީ

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 9:16 ހާއިރު ތޫނުއެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރަށް އިންސާފު ހޯދުމަށް އެރަށުގެ ރައްޔިތުން ނިކުމެއްޖެއެވެ.

އަނަސްގެ ކުއްލި މަރާއި ގުޅިގެން މުޅި މީދޫ ހިތާމައިން ރޮއްވާލާފައިވާއިރު މިއަދު ހަވީރު އެރަށުގެ ކުދި ބޮޑު އެންމެން ވަނި ކަޅު ހެދުމުގައި އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހިނގާލުމަށް ނިކުމެފައެވެ.

މީދޫ ޒުވާނުންނާއި އަނަސްގެ އާއިލާއިން އިންތިޒާމް ކުރި މި ހިނގާލުމުގައި އެފަރާތްތަކުން ވަނީ އަނަސް މަރާލި ގާތިލުން ހޯދައި އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނައުމަށް ބާރުއަޅައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައެވެ.

ރ. އަތޮޅު ލޯންޗެއްގެ ކެޕްޓަނަކަށް ހުރި އަނަސް މަރާލާފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހަމަލާދީގެންނެވެ.

އަނަސްގެ މަރާއި ގުޅިގެން ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫންކަމަށާއި އޭނާ މަރާލީ ލައިގެން ހުރި ޓީޝާޓްގެ ކުލައިގެ ސަބަބުން ކަމަށެވެ.

އަނަސްގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. "އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އަނަސް މަރާލުމުގައި ބައިވެރިވި މީހުން "ވަޅި ކަތިވަޅި" ހިފައިގެން ގޮސްފައިވަނީ މަޖީދީ މަގުންނެވެ. އަދި އަނަސްއަށް ހަމަލާ ދިނުމަށްފަހުވެސް އެމީހުން ގޮސްފައިވަނީ މަޖީދީ މަގުން އެތައް ބަޔަކަށް ފެންނަ ގޮތަށެވެ.