Last Updated: April 18, 17:05
Thursday, April 18, 2024
ޚަބަރު

ކެންސަރާއި ހިތުގެ ބަލިތަކަށް ކަސްރަތު މުހިއްމު!

މިދިޔަ އަހަރުގެ ތެރޭގައި ކުރެވެނު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އާންމުކޮށް ސިއްޙީ މާހިރުން ލަފާދޭ މިންވަރަށްވުރެ އިތުރަށް ކަސްރަތު ކުރުމަކީ އުރަމަތީ އަދި ގޮހޮރުގެ ކެންސަރާއި ހަކުރުބަލީގެ އިތުރުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ކޮންމެ މީހަކު ވެސް 600 މެޓަބޮލިކް އީކުއިވެލެންޓް މިނަޓްސް (އެމްއީޓީ) ގެ ޖިސްމާނީ ކަސްރަތު ކުރަން ޖެހޭނެ އެވެ. އެއީ ކޮންމެ ހަފްތާއަކު 150 މިނެޓަށް ހިނގުން ނުވަތަ 75 މިނެޓަށް ދުވުމެވެ.

1980 އާއި 2016 ވަނަ އަހަރާއި ދެމެދު ކުރެވުނު 174 ދިރާސާތަކަށް ބިނާކޮށް، އެމެރިކާ އާއި އޮސްޓްރޭލިއާގެ ސައިންސްވެރިން ވަނީ އެންމެ އާންމު ފަސް ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކަސްރަތު ކުރުން އިތުރުކުރަން ޖެހެނީ ކިހާ މިންވަރެއްތޯ ބެލުމަށް މަސައްކަތް ކޮށްފައެވެ.

އެގޮތުން އެ ސައިންސްވެރިން ހޯދާފައިވާ ގޮތުގައި އެންމެ ބޮޑު ސިއްޙީ ފައިދާއެއް ލިބެނީ ހަފްތާއަކު 3،000 އާއި 4،000 އެމްއީޓީ ގެ ކަސްރަތު ކުރުމުންނެވެ. އެ މިންވަރު ހާސިލް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 10 މިނެޓަށް ސިޑިން ފައިބާ އެރުން، 15 މިނެޓަށް ވެކިއުމް ކުރުން، 20 މިނެޓަށް ބަގީޖާ ހެއްދުމުގެ މަސައްކަތް ކުރުން، 20 މިނެޓަށް ދުވުން އަދި 25 މިނެޓަށް ހިނގުން ނުވަތަ ބައިސްކަލު ދުއްވުން ހިމެނެ އެވެ.

ޖުމްލަ ގޮތެއްގައި އެ ދިރާސާއިން ދެއްކި ގޮތުގައި ޖިސްމާނީ މަސައްކަތުގައި އުޅޭ މިންވަރު ވަރަށް ބޮޑަށް އިތުރު ކުރުމަކީ އުރަމަތީ ކެންސަރާއި ގޮހޮރުގެ ކެންސަރާއި އިސްކީމިކް ހާޓް ޑިޒީސް އާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމާއި ގުޅުންހުރި ކަމެއް ކަމަށެވެ. އަދި އެންމެ ބޮޑު ސިއްޙީ ފައިދާއެއް ލިބެނީ ހަފްތާއަކު 3000-4000 އެމްއީޓީ މިނެޓުގެ މަސައްކަތް ކޮށްގެން ކަމަށެވެ.