Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

"އަލާދީން" ފިލްމްގެ ޖާފަރްގެ ރޯލަށް މަރްވަން ކެންޒަރީ

ޑިޒްނީ ގެ ކާޓޫނެއް ކަމަށްވާ "އަލާދީން" ގެ ލައިވް ރީމޭކެއްގެ މަސައްކަތް ކުރެވެމުންދާއިރު، އެ ފިލްމުގެ ވިލަން ކަމަށްވާ ޖާފަރްގެ ރޯލަށް މަރްވަން ކެންޒަރީ ހަމަޖެއްސުމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އޭނާ އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "މާޑަރ އޮން ދި އޮރިއެންޓް އެކްސްޕްރެސް" އިންނެވެ.

މީގެ އިތުރުން ކުރީގެ ކޮމީޑިއަން ނަސީމް ޕެޑްރާޑް ވެސް ވަނީ "އަލާދީން" ގެ ރޯލަކަށް ހަމަޖައްސާފަ އެވެ.

"އަލާދީން" އަކީ ޑިޒްނީގެ 1992 ވަނަ އަހަރުގެ ކާޓޫން ފިލްމްގެ ރީމޭކެކެވެ. އެ ވާހަކަ ސެޓްކޮށްފައި ވަނީ ޚިޔާލީ މެޓްރޮޕޮލިޓަން ސިޓީއެއް ކަމަށްވާ 'އަގްރަބާހް" ގައެވެ.

ޑީލް ފައިނަލްވެއްޖްނަމަ، ކެންޒަރީ ކުޅޭނީ އަގްރަބާހްގެ ރަސްގެފާނުގެ ތަރުޖަމާނު ގެ ރޯލެވެ. އެއީ މިހާތަނަށް ޑިޒްނީ އިން އުފެއްދި އެންމެ މަޝްހޫރު އެއް ކެރެކްޓާ އެވެ. 1992 ވަނަ އަހަރުގެ އެނިމޭޓެޑް ފިލްމްގައި ޖާފަރްގެ ރޯލަށް އަޑުއަޅާފައި ވަނީ ޖޯނަތަން ފްރީމޭން އެވެ.

ޕެޑްރާޑް ވެގެންދާނީ ފިލްމްގެ އަންހެން ލީޑް އަދި އަގްރަބާހްގެ ރަސްދަރިކަލުން ޖޭސްމިންގެ ރަހުމަތްތެރިޔާ އަދި މަސައްކަތު މީހާ ކަމަށްވާ މާރާ އަށެވެ.

ފިލްމްގެ ފިރިހެން ލީޑް ކަމަށްވާ އަލާދީންގެ ގޮތުގައި މޭނާ މައްސޫދު އަދި ޖޭސްމިން ގެ ގޮތުގައި ނައޯމީ ސްކޮޓް ކާސްޓްކޮށްފައިވާއިރު، ފިލްމްގައި އުޅޭ ޖިންނީގެ ރޯލުން ފެނިގެންދާނީ ވިލް ސްމިތް އެވެ.

ޖޯން އޮގަސްޓް ގެ ސްކްރިޕްޓަކަށް ގާއި ރިޗީ ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްރޮޑިއުސަރަކީ ޑޭން ލިން އެވެ.

އަދި މި ފިލްމް ރިލީޒް ކުރާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.