Last Updated: June 11, 13:58
Thursday, June 11, 2026
މުނިފޫހިފިލުވުން

ކަރަންގެ "ޝުއްދީ" ގައި ރިތިކް

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އަށް ރިތިކް ރޯޝަން ހިމަނައިގެން "އަގްނީޕަތު" ގެ ރިމެކިން ޑައިރެކްޓްކޮށް ދިން ކަރަން މަލްއުތުރާ ދެވަނަ ފިލްމް "ޝުއްދީ" ގެ ލީޑް ރޯލަށް ރިތިކް ހަމަޖައްސައިފި އެވެ.

މިކަން ކަރަން ޖޯހަރު ވެސް ވަނީ ކަަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ ކަރަންގެ ދެވަނަ ފިލްމްގެ ލީޑް ރޯލަށް ރިތިކް ހަމަޖެހިފައިވާ އިރު މިއީ ލޯބީގެ ވާހަކައަކަށް ހަދާ ބޮޑު ބަޖެޓް ފިލްމެއް ކަމަށެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ދިވާލީގަ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ކަރަން މަލްއުތުރާ ޑައިރެކްޓް ކުރި "އަގްނީޕަތު" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ. އެ ފިލްމް ވަނީ 125 ކްރޯޑް ރުޕީސްގެ ވިޔަފާރިކޮށްފަ އެވެ.

"ޝުއްދީ" ގައި ރިތިކް އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ކޮން ތަރިއެއް ކަމެއް އަދި ނޭނގެ އެވެ. މިއީ މަޝްހޫރު ލިޔުންތެރިޔާ އަމިޝް ތްރިޕަތީގެ ވާހަކަ "ދި އިމޯޓަަލްސް އޮފް މެލޫހާ" ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގެ ބަތަލާއަކީ ކާކުކަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. ފިލްމްގެ ޝޫޓިން ވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.