މާފުށީ ޖަލަށް މަސްތުވާތެކެއްޗާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާންތަކެއް ވައްދަން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާންއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ހާދިސާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ރަޒާންގެ ހިތްވަރަށް މަރުހަބާ ދަންނަވާކަމަށާއި އަވަސް ޝިފާއަކަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި ވަޅި ޖެހުމުގެ ފިނޑި އަމަލު އަބަދުވެސް ކުށްވެރި ކުރާ ކަމަށެވެ.
ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް އައި ލޯންޗުން އައި މީހަކު މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން މަސައްކަތްކުރަނިކޮށް އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އެހެން ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.
ޢަލީ ރައްޒާނަށް ދިން މިހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތިން ވައަތު ކޮނޑާ މެއާ ދޭތެރެއަށެވެ. ރައްޒާނަށް ލިބުނު ޒަޚަމަށް މާފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ވަނީ މާލެ ގެނެސްފައެވެ. އަދި އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މިހާދިސާގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ އިރު އޭގެ ތެރެއިން 3 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު މި ހާދިސާ ހިންގުމުގައި ބައިވެރިވި 18 އަހަރުންގެ ދަށުގެ ކުއްޖާ ޖުވަނައިލް ކޯޓުން ވަނީ ދޫކޮށްލާފައެވެ.