އައްޑޫގެ މަރުކަޒީ އިންޖީނު ގޭގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތް އަންނަ ނޮވެމްބަރު މަހަށް ނިމި ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އަލަށް ގެނެސްފައިވާ 4.6 މެގަ ވޯޓް ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު މަސައްކަތް ނޮވެމްބަރ މަހުގެ ކުރިން ނިންމާލެވޭނެކަމަށް މަސައްކަތް ކުރަމުން އަންނަ ޗައިނާ ކުންފުނިން ޔަގީންކަން ދީފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އާ ޖަނަރެޓަރ ސެޓް ބެހެއްޓުމަށްޓަކައި ޗައިނާ ކުންފުނީގެ މުވައްޒަފުން އަންނަ ހަފްތާ ތެރޭގައި އައްޑޫއަށް އަންނާނެކަމަށާއި މިހާރު ކުރަމުން ދަނީ އެމީހުންގެ ވިސާގެ މަސައްކަތް ކަމަށެވެ.
އަލަށް ގެނެސްފައިވާ ޖަނަރޭޓަރ ސެޓްގެ ކޫލިން ސިސްޓަމް ގާއިމް ކުރުމަށް ކޮންނަ 3 ބޯ ހޯލްގެ ތެރެއިން 2 ބޯހޯލްގެ މަސައްކަތް ނިމިފައިވާއިރު މިހާރު ދަނީ ތިންވަނަ ބޯހޯލްގެ ތޮރުފުމުގެ މަސައްކަތެވެ.
ޝަރީފް ވިދާޅުވީ އާ ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރެވުމުން މިހާރު ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރ ސެޓް މަރާމާތު ކުރުމަށް ފުރުސަތު ލިބިގެން ދާނެކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް އެބަލިބޭ ޔަގީންކަން އަންނަ ނޮވެމްބަރ މަހަށް އާ ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރެވި ހިދްމަތް ދެވޭނެކަމަށް، އެކަމަކު އެއީ އަދި މުޅިން ދާއިމީ ހައްލެއް ލިބުމެއް ނޫން، އެއީ ކުރިއަށް އޮތް އަހަރަށް ދެއަހަރަކަށް ވާނެ ވަރު، އަޅުގަނޑުމެންގެ ވިސްނުން ހުރީ އެކެޕޭސިޓީ މަތި ކުރަން، އިންޖީނުގޭގެ ހުސްކޮށް ހުރިތަނުގައި އިތުރު ކެޕޭސިޓީ ބޮޑު ކުރުން، އެއީ މިހާރު ހުރި ގޮތަށް ބަލާއިރު އަދިވެސް އިތުރަށް ލޯޑް މަތިވާނީ"
ޝަރީފް ވިދާޅުވީ ކުންފުނީގެ ވިސްނުން ހުރީ އައްޑޫގެ ކެޕޭސިޓީ 12 މެގަ ވޮޓަށް އިތުރު ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް މަސައްކަތް ފަށާނަން ކެޕޭސިޓީ އިތުރު ކުރުމުގެ ކަންކަމުގައި، އެމަސައްކަތް ކުންފުނިން ވަރަށް އަވަހަށް ފަށާނެ، އައްޑޫއަކީ ފެނަކައިގެ އެންމެ ގިނަ ކަސްޓަމަރުން ތިބި ތަން، އަޅުގަނޑުމެންގެ ހިދްމަތް އެހެން ރަށްތަކުގައި ދޭ އުސޫލުން މިތަނުގައި ހިދްމަތެއް ނުދެވޭނެ، ގަބޫލު ކުރައްވަން ޖެހޭނެ ކަމަކީ، މިތަނުގައި މިހުންނަ ބޮޑެތި ޖަނަރޭޓަރ ސެޓަކީ މާކެޓްގައި ފަސޭހައިން ލިބެން ހުންނަ އެއްޗެއް ނޫންކަން، އޯޑަރ ދީގެން މުއްދަތެއް އެބަ ނަގާ"
އައްޑޫގައި ފެނަކަ ކޯޕަރޭޝަންއިން ކުރަމުންދާ މަސައްކަތް ބައްލަވާ ލެއްވުމަށާއި ކުންފުނީގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫގެ އިންޖީނުގެތަކުގެ ވެރިންނާއި ބައްދަލު ކުރެއްވުމަށް ހަފްތާ ބަންދުގައި ވަޑައިގެންނެވި ޝަރީފް ވިދާޅުވީ ކޮންމެ ތިން މަހުން އެއްފަހަރު އައްޑޫއަށް ޒިޔާރަތްކޮށް މިތަނުގެ ކަންކަން ގާތުން ބައްލަވާނެކަމަށެވެ.